ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ހަރަކާތް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ގެ ޕާޓްނަރުން އިއުލާންކޮށްފިއެވެ.
ސަޓާ 2023 ގެ ޕާޓްނަރުން ރައީސްމީކޮށް އިއުލާން ކޮށްފައިވަނީ، މިއަދު މާލޭގެ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސަޓާ 2023 ގެ ޕާޓްނަރުން ހަމަޖައްސާފައި ވަނީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެފަރާތްތަކުގެ އަހައްމިއްޔަތުކަން ދައްކުވައިދޭ ގޮތަށް ބަލައިގެންނެވެ.
މިގޮތުން ސާޓާ 2023 ގެ ޕްލެޓިނަމް ޕާޓްނަރަކީ ލަގްޒަރީ ޔޮޓް އުފެއްދުމުގައި މަޝްހޫރު ނަމެއް ކަމަށްވާ ގަލްފް ކްރާފްޓެވެ. އަދި މި ހަރަކާތުގެ ގޯލްޑް ޕާޓްނަރުންނަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ.
ސަޓާ 2023 ގެ އޮޑިޓިން ޕާޓްނަރަކީ ކްރޯ މޯލްޑިވްސް އެވެ. އަދި ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ މާގިރި ހޮޓެލް އެވެ.
ސަޓާ 2023 ގެ ޕާޓްނަރުން އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސަޓާގެ ރައީސް އިސްމާއިލް ހަމީދު ވަނީ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގެ ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކުރައްވާފައެވެ.
ސަޓާގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވިގޮތުގައި އެ އެވޯޑު ދިނުމުގެ ހަފްލާގައި، ސައުތު އޭޝިއާ ސަރަޙައްދުގެ އެކި ކަންކޮޅުތަކުގެ އިންޑަސްޓްރީގެ އިސްވެރިންނާއި، ސްޓޭކްހޯލްޑަރުން އެއްތަނަކަށް ޖަމާކުރައްވާނެއެވެ.
ސަޓާއަށް ހަތް އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު، ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުން ކުރިއަށް ގެންދާ ހަރުކަށި ސިލެކްޝަން ޕްރޮސެސްއަކާ އެކު ސަޓާއިން ވަނީ ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ 52 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!