ޑިޖިޓަލް ސަރުކާރެއްގައި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި އެއީ ރަސްމީ ގަޑި ނިމުމުން އޮފީސް ތަޅުލާފައި ހިދުމަތް ހުއްޓާލުން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުންދޭ ހިދުމަތްތައް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކޮށްފައިވާ ޕްލެޓްފޯމު ކަމަށްވާ "ވަންގަވް" ތައާރަފް ކުރުމަށް މިހާރުކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ މި ހިދުމަތް ފަށައިގަންނައިރު، ރާއްޖޭގެ ތިން ސަރަހައްދަކުން ހިދުމަތް ދިންނަމަވެސް، ކުރިމަގުގައި އެހެން ސަރަހައްދުތަކުގައި ވެސް މި ހިދުމަތް ތައާރަފް ކުރައްވާނެ ކަމަށެވެ. އަދި މީގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން "ވަންގަވް" ގެ ސަބަބުން ލިބޭނެ އެންމެބޮޑު އެއްފައިދާއަކީ ކޮރަޕްޝަނަށް އޮތް ފުރުސަތު ހަނިވުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިގުތިސާދީގޮތުން ވެސް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށްކަން ފާހަގަ ކުރައްވައި، މިފަދަ ހިދުމަތެއް ފަށާއިރު، ރައްޔިތުންގެ ހިތުގައި އުފެދޭނެ އެންމެބޮޑު ކަންބޮޑުވުމަކީ އެފަރާތްތަކުގެ ޒާތީ މައުލޫމާތު ރައްކާތެރިވުމާއި މެދުގައި ކަމަށާއި އެހެންކަމުން އެފަރާތްތަކުގެ ޒާތީ މައުލޫމާތު ލީކު ނުވާނެކަމުގެ ނުވަތަ ފުރިހަމައަށް ރައްކާތެރިކަމާއެކު ހުންނާނެކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ. އެގޮތުން އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތެއް ހިއްސާކުރާނީ "އީފާސް" މެދުވެރިކޮށް އެފަރާތަށް އެންގުމަށްފަހު ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވަނީ ހުރިހައި ރައްޔިތުން ވެސް އީފާސް ހެދުމަށް އިލްތިމާސް ކުރައްވާފައެވެ.