ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންއައި ފްރާންސްގެ ފުލްބެކް ލޫކަސް ހެނާންޑޭޒް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ސޮއި ކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ހެނާންޑޭޒް ޕީއެސްޖީއާއި ގުޅިފައި މިވަނީ 44 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގެ ދަށުން ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. ވުމާއެކު އޭނާ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ޓީމުގައި މަޑު ކުރާނެއެވެ.

Ad
rt

ހެނާންޑޭޒް ބަޔާންއާއި ގުޅިފައި ވަނީ 2019 ވަނަ އަހަރު ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުންނެވެ. ބަޔާނުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން 2019/20 ސީޒަންގައި ޗެމްޕިއަންސް ލީގާއި ޖަރުމަނު ލީގުގެ އިތުރުން ޖަރުމަނު ކަޕް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

ހެނާންޑޭޒް ބަޔާނުގައި ހޭދަކުރި ހަތަރު ސީޒަންގައި ވެސް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދީ ބަޔާނުންނެވެ. މީގެ އިތުރުން އޭނާ ވަނީ ޖަރުމަނު ކަޕް ވެސް ދެފަހަރުމަތިން ބަޔާނާއިއެކު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބަޔާނަށް 107 މެޗު ކުޅެފައެވެ.

ފްރާންސުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމްގައި ހެނާންޑޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފާއިތުވި އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ވާދަކުރި ފްރާންސް ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ވެސް ހެނާންޑޭޒް ކުޅުނެވެ. ނަމަވެސް މުބާރާތުގެ ވަކި ހިސާބަކުން ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ މުބާރާތު ފަހުބައި ހޭދަކުރީ ފަރުވާގައި ޓީމާއި ދުރުގައެވެ. ވޯލްޑް ކަޕް ތަށި ފްރާންސް ބަލިކޮށް ހޯދީ އާޖެންޓީނާއެވެ.

ޕީއެސްޖީއަށް ބަދަލުވެ ހެނާންޑޭޒް ބުނެފައި ވަނީ އެ ޓީމާއި ގުޅުމުގެ އުންމީދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެންމެ ފަހުން އެކަން ހާސިލްވުމުން އެކަމާއި ވަރަށް އުފާކުރާ ކަމަށެވެ. ހެނާންޑޭޒް އިތުރަށް ބުނީ މިއީ އޭނާއަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި ޕީއެސްޖީއަށް ބަދަލުވެވުނީތީ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.

އައު ސީޒަނަށް ޕީއެސްޖީން ޓީމް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ހެނާންޑޭޒްއަކީ އެ ޓީމާއި މި ޓްރާންސްފާގައި ގުޅުނު ފަސްވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ޕީއެސްޖީން ވަނީ ރެއާލް މަލޯކާއަށް ކުޅެމުން އައި ސައުތު ކޮރެއާގެ މިޑްފީލްޑަރ ލީ، ރެއާލް މެޑްރިޑަށް ކުޅެމުން އައި އެޓޭކަރ އެސެންސިއޯ، މެނުއަލް އުގާޓޭއާއި މިލާނަށް ކުޅެމުން އައި ސެންޓްރަލް ޑިފެންޑަރ ސްކީނިއާގެ ސޮއި ހޯދާފައެވެ.