ށ. ކޮމަންޑޫ ރައްޔިތުން އެދިފައިވާ ގޮތަށް އެރަށް ކައިރީ އޮންނަ ކުޑަފަރުގައި އެއާޕޯޓެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭން ފެއްޓެވުމަށް މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުގައި އެ އަތޮޅު ކޮމަންޑޫއަށް ވަޑައިގެން ކޮމަންޑޫގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން ވަނީ އެރަށު ރައްޔިތުންނަށް މިހާރު ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވާފައެވެ.

އެއަށްފަހު އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްޔިތުން ބޭނުންވާ ކަންކަން ހުންނާނެކަމަށާއި، ޤަބޫލުކުރަންވީ އެމަނިކުފާނު ވަޢުދެއް ވެއްޖެނަމަ އެ ވަޢުދެއް ފުއްދަވާ ދެއްވާނެކަން ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް 20 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. ނަމަވެސް ކޮމަންޑޫ އާއި އެ ހިސާބުގެ ބައެއް ރަށްރަށަކީ 20 މިނިޓުން ދަތުރުކޮށްފައި ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމުގެ ނަސީބު އަދި ލިބިފައިނެތް ރަށްރަށް ކަމަށެވެ.

''ސިނާން އެވިދާޅުވިފަދައިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި މި ކޮމަންޑޫ ކައިރީގައި، ކުޑަފަރުގައި ތިޔަބޭފުޅުން ބޭނުންވާ ގޮތައް އަޅުގަނޑުމެން އެއާޕޯޓެއް އަޅާނަން'' ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެން އިވިގެން ދާނީ ދެ ކޮމަންޑޫ ގުޅާލެވި، އެއްކޮމަންޑޫގެ ގޮތުގައި އެތަން ހެދިގެންދާ ޚަބަރުކަމަށާއި، އެ ވައުދު ފުދިގެންދާތަން ވެސް ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.