މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތަކުގައި "އީފާސް" ނުހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނޫސްވެރިންނަށް ބޭއްވި "އިލެކްޝަން ރިޕޯޓިން ޓްރޭނިން" ގައި މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުން ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރެވޭނީ ރަސްމީ 4 ލިޔުމެއް ކަމަށެވެ.
އެގޮތުން ރަސްމީ ލިޔުމުގެ ގޮތުގައި ބަަލައިގަންނާނީ އައިޑީ ކާޑާއި ޕާސްޕޯޓާއި ލައިސަންސް ކާޑު އަދި ޕާސްޕޯޓު ކާޑު ކަމަށެވެ.
އެ ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ގާނޫނުގައި "އީފާސް" ބޭނުންކުރާގޮތަށް ހަމަޖެހިފައި ނުވާ ކަމަށާއި ނަމަވެސް ކުރިއަށް ހުރި އިންތިހާބުތަކުގައި އީފާސް ބޭނުންކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.
"ބައެއް މުވައްސަސާތަކުން އީފާހަކީ ރަސްމީ ލިޔުމެއްގެ ގޮތުގަ މިހާރު ބަލައިގަނޭ. އެކަމަކު މިއަހަރުގެ ރިޔާސީ އިންތިހާބުގަ އަދިއޮތީ އީފާހަކީ ރަސްމީ ލިޔުމެއްގެ ގޮތުގައި ބަލައިގަންނަގޮތަކަށް ނޫން." އީސީ ގެ އޮފިޝަލަކު ވިދާޅުވިއެވެ.
ކޮންމެ 5 އަހަރަކުން އެއްފަހަރު ރާއްޖޭގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، ސެޕްޓެމްބަރު 30 ގައ ބޭއްވުމަށް ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ދެމަސް ދުވަހަށް ވުރެ ކުޑަވެފައިވާއިރު، މި އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެމްޑީގެ ފަރާތުން މިހާރުގެ ރައީސް ސާލިހާއި ޕްރޮގްރެސިވް ކޯލިޝަނުން ކުރީގެ ރައީސް ޔާމީނާއި އެމްއެންޕީ އިން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.
މީގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!