ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކާ ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނި މިހެން އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރާއްޖޭގައި މިއަދުފާހަގަކުރާ މި ދުވަހާއި ގުޅިގެން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝަޢުގުވެރިކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.
"ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސްކުރަން. ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކާ، ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުމަށް އިލްތިމާސްކުރަން." އެމަނިކުފާނުގެ ޓްވީޓުގައި ވެއެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 8 ވަނަ ދުވަހަކީ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަސް ކަމަށްވާތީއެވެ. "އަލްއިޞްލާޙް" ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ އަދަދު ނެރެފައިވަނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.
މިއީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިން ނެރެންފެށި މަޖައްލާއެކެވެ.
މިފަދަ ދުވެހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ލިޔުންތެރިންގެ ހިދުމަތް ގައުމީ ފެންވަރެއްގައި ފާހަގަކޮށް، މި ފަންނު ދިރުވައި އާލާކުރުމަށް ބާރުއަޅާ ހިތްވަރު ދިނުމެވެ.
މިއަހަރުގެ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވަނީ "މުޖުތަމަޢުގެ މަސްލަހަތު - ލިޔުންތެރީންގެ މަސްއޫލިއްޔަތު" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!