"ތުރުކީ މެސީ" ގެ ނަމުން މަޝްހޫރުކަން ހޯދަމުން އަންނަ، ތުރުކީގެ ޒުވާން މިޑްފީލްޑަރ އާރްދާ ގުލާ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅިއްޖެއެވެ.
ތުރުކީ ލީގުގެ ފެނަބާޗޭއަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ ގުލާ ރެއާލާއި ގުޅިފައިވަނީ 20 މިލިއަން ޔޫރޯ (22 މިލިއަން ޑޮލަރު)ގެ އަގަކަށެވެ.
ގުލާ ވަނީ ނިމިދިޔަ ސީޒަންގައި ފެނަބާޗޭގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ހަތަރު ލަނޑު ޖަހައިދީ ހަތަރު ލަނޑު ޖަހަން އެސިސްޓް ކޮށްދީފައެވެ.
މިހާތަނަށް އޭނާ ވަނީ ފެނަބާޗޭއަށް 51 މެޗު ކުޅެދީ ނުވަ ލަނޑުޖަހައި ބާރަ ލަނޑު ޖަހަން އެހީތެރިވެ ދީފައެވެ. މިހާރު ތުރުކީގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ގުލާ ވަނީ ގައުމީ ޓީމަށް ވެސް ލަނޑުޖަހައިދީފައެވެ. އޭނާވެފައި ވަނީ ތުރުކީ ގައުމީ ޓީމަށް އެންމެ ހަގު އުމުރުގައި ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.
މިހާރު ފެނަބާޗޭގެ 10 ނަމްބަރު ޖޯޒީގައި ކުޅެމުން އަންނަ ގުލާ، އެންމެ ފުރަތަމަ އެ ޓީމަށް މެޗެއް ކުޅެފައި ވަނީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައެވެ. ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހަން އެސިސްޓް ކޮށްދީފައެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން ގުލާ ހޯދުމަށް ޔޫރަޕުގެ ބޮޑެތި ގިނަ ކުލަބުތަކަކުން މަސައްކަތް ކުރިއެވެ. އެ ކުލަބުތަކުގެ ތެރޭގައި ބާސެލޯނާ، އާސެނަލް، މެންޗެސްޓާ ޔުނައިޓެޑް، ނިއުކާސަލް ޕީއެސްޖީގެ އިތުރުން ބަޔާން މިއުނިކް ހިމެނެއެވެ.
ރެއާލުން މި ޓްރާންސްފާ މާކެޓްގައި މިހާތަނަށް ހަތަރު ކުޅުންތެރިއެއްގެ ސޮއި ވަނީ ހޯދާފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ގުލާގެ އިތުރުން ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި އިންގްލެންޑްގެ ޕްލޭމޭކަރ ޖޫޑް ބެލިންހަމް، ސްޕެއިންގެ ފޯވާޑް ހޯސެލޫގެ އިތުރުން ސްޕެއިންގެ ޑިފެންޑަރ ފެރާން ގާސިއާ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!