ފެން ބިލުގެ ޖޫރިމަނާ މައާފުކުުރުމުގެ އިތުރު ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ބުނީ ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފެށީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނާ ވީހާވެސް ގާތުން ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއީ އަބަދުވެސް އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ޖޫރިމަނާ މައާފުކޮށްދޭނީ ފެން ބިލަށް ނުވަތަ ބިލުތަކަށް ދައްކަންޖެހޭ ޖުމުލަ ފައިސާ އެއްފަހަރާ ދައްކައި ހަލާސްކުރާ ކަސްޓަމަރުންނަށެވެ. އެގޮތުން، ޖޫރިމަނާ މާފުކުރަން ބޭނުންވާ ފަރާތްތަކުން ބިލުތައް ދެއްކުމަށްފަހު ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން އެކަން ކޮށްދޭނެއެވެ.
މި ޕްރޮގްރާމް މި އަހަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ނަމްބަރު 105 އަށް ގުޅައިގެން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވައިގެން ނުވަތަ mail@mwsc.com.mv އަށް މެއިލް ކޮށްލުމުން ލިބޭނެއެވެ.
ފެނާއި ނަރުދަމާގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ކަސްޓަމަރުންވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކުމަށް އެމްޑަބްލިއުއެސްސީން އެދެއެވެ.
މީގެ އިތުރުން މި ފުރުސަތުގެ ބޭނުން ހިފައި، ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަންޖެހިފައިވާ ފައިސާ ދައްކައި ހަލާސްކުރުމަށް ވެސް އެ ކުންފުނިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!