ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ހުވަދު އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފަށަން ތައްޔާރުވެ، ލޯންޗުތައް މާލެއިން މިއަދު ފުރައިފިއެވެ.
މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އާރުޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ވަނީ ހުވަދު އަތޮޅުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ ހަ ލޯންޗު މިއަދު އެ އަތޮޅަށް ފުރުވާލައިފައެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހުވަދު އަތޮޅުގައި އެ ހިދުމަތް ފަށައިގަތުމަށް އެ ކުންފުނި މިހާރު އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން އަންނަ ހަފުތާގައި ހިދުމަތް ފެށުމަށް 80 މުވައްޒަފުން ނަގައި ބޭނުންވާ ތަމްރީނުތައް ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ، އާރްޓީއެލްގެ ހިދުމަތަށް އާންމުން ހޭލުންތެރިކުރުވުމުގެ ދަތުރުތައް ފަށާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުކަމަށެވެ. މި ދަތުރުތައް ފައިސާ ނުނަގައި ކޮށްދޭއިރު ރަސްމީކޮށް ޓިކެޓް ވިއްކައިގެން ދަތުރުތައް ފަށާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ދެކުނުގެ ހަތަރު އަތޮޅު ހައިސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލަން މަސައްކަތް ކުރާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
"ޖުލައި 13 ވަނަ ދުވަހު ފެމިލިރައިޒޭޝަން ދަތުރުތައް ފެށޭނެ. 20 ވަނަ ދުވަހު އަގު ނަގައިގެން ކުރާ ދަތުރުތައް ފެށޭނެ. އޮގަސްޓް މަހު އަޅުގަނޑުމެން މަސައްކަތް އެބަކުރަން އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅުވާލަން،" އާޒިމް ވިދާޅުވިއެވެ.. އެމްޓީސީސީން އާރުޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ދެމުންގެންދަނީ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. ށ. އަދި ޅ. އަތޮޅުގައެވެ.
އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!