މިވަގުތު ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކަމުގައި ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
ނަޝީދު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ބުއްދިވެރި ގޮތަކީ ޔާމީނާއި އެމަނިކުފާނު ވެސް ކުރިމަތިނުލެއްވުން ކަމަށެވެ.
މިވާހަކަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ރައީސް ސޯލިހު ބަލި ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ވެސް ވާދަ ކުރުންކަމަށެވެ.
މީގެ އިތުރުން ގައުމުގެ މިނިވަންކަން ދިފާއުކޮށް، އިސްލާމީ ހަޟޯރާތް، ދިވެހި ސަގާފަތް ދިރުވައި މުންކަރާތްތަކާއި ދެކޮޅަށް، ގާނޫނީ ވެރިކަމެއް އެންމެ ގާބިލް އަދި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ލީޑަރަކީ ޕީޕީއެމްގެ ކެނޑިޑޭޓް ޔާމީން ކަމަށާއި ޔާމީން ވާދަ ކުރައްވައި ރައީސް ޞާލިޙް ބަލިކުރާނެ ކަމަށެވެ.
އާދަމް ޝަރީފްގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވީ އެއް ކެނޑިޑޭޓް ފޯމިލާ އެބައޮތް ކަމަށާއި އެއީ އެއްބުރުން ރައީސް ޞާލިޙް ނޫންގޮތެއް ހޯދުމުގެ ފޯމިއުލާ ކަމަށެވެ. އަދި އެއީ ޔަގީންކަމާއެކު ވެރިކަން ބަދަލުކުރާނެ ގޮތް ކަމަށެވެ.
އެންމެން އިއްތިފާގުވާ ޚިދުމަތްތެރި ލީޑަރު، ރައީސް ޔާމިނަށް ޑިމޮކްރެޓްސް ތާއިދުކޮށް، ދިވެހީންގެ ރާއްޖެ، ދިވެހިންނަށް ހޯދުން ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު އިދިކޮޅު ކޯލިޝަންގެ ހަރަކާތު ކޮމެޓީގެ ޗެއާ މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ނަޝީދު އިންތިހާބުގައި ވާދަ ނުކުރެއްވުމަކީ ރައީސް ނަޝީދުގެ އަމިއްލަ ނިންމުމެއް ކަމަށާއި ޔާމީން އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވީ ރައްޔިތުން ކަމަށެވެ. އަދި އެމަނިކުފާނު ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޕީޕީއެމް / ޕީއެންސީގެ 2023 ގެ ރިޔާސީ ޓިކެޓް ވަނީ ޔާމީނާއި ހަވާލްކުރެވިފައި ކަމަށާއި ޔާމީން ކަންކުރަންވާގޮތް ނަޝީދު ކިޔައިދިނުން ހަޑި ކަމަށެވެ. އަދި ނަޝީދު އާއި ޔާމީނަކީ ދެފިކުރެއް ކަމަށާއި ގައުމީ ލީޑަރަކާއި ލާހޫރޭ ލީޑަރެއްގެ ތަފާތު ވަަރަށް ބޮޑުވާނެ ކަމަށް ވެސް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!