ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮޓީ އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަންގެ ނިޔަލަށް ހަމަވުމުން، ބްރެޒިލްގެ ކޯޗުކަމާއި ހަވާލުވާން ނިންމާފައިވާ ކަމުގައި ބްރެޒިލްގެ ފުޓްބޯލް ކޮންފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގުއޭޒް ބުނެފިއެވެ.
އަންޗެލޮޓީ ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުން އަންނަ އަންޗެލޮޓީގެ އެއްބަސްވުން ރެއާލުން އާކުރަން ބޭނުންވެއެވެ.
ފަސްފަހަރު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައިވާ ބްރެޒިލްގެ ގައުމީ ޓީމާއި އަންނަ ޖޫން މަހު އަންޗެލޮޓީ ހަވާލުވެ ފުރަތަމަ އެ ޓީމަށް އޭނާ އިރުޝާދުދޭނީ ޖޫން މަހު އޮންނަ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައެވެ. އަންޗެލޮޓީ 2026 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެ ޓީމަށް އިރުޝާދު ދޭނެއެވެ.
އަންނަ އަހަރު އަންޗެލޮޓީ ރަސްމީކޮށް ހަވާލުވާންދެން ބްރެޒިލްގެ ގައުމީ ޓީމަށް އިރުޝާދުދޭނީ އެ ގައުމުގެ ކުލަބެއް ކަމަށްވާ ފްލުމިނެންސޭގެ ކޯޗު ފެނާންޑޯ ޑިނީޒްއާއެވެ.
އުމުރުން 64 އަހަރުގެ އަންޗެލޮޓީ، 2021 ވަނަ އަހަރު ރެއާލާއި ދެވަނަ ފަހަރަށް ހަވާލުވެ ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގާއި ލަލީގާއާއި ކޮޕަ ޑެލް ރޭގެ އިތުރުން ކުލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްދީފައެވެ.
އަންޗެލޮޓީއަކީ ކުލަބް ފުޓްބޯޅައިގައި ވަރަށް ކާމިޔާބު ކޯޗެކެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ. އެއީ ރެއާލްގައި ދެފަހަރު އަދި އޭސީ މިލާނުގައި ދެފަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!