ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ނެޓް ޒީރޯ ސިޔާސަތު ތަންފީޒު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރިހުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ސައީދު ވަނީ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފައެވެ.

Ad
rt

އެ ބައްދަލުކުރެއްވުމުގައި ސައީދު ވަނީ ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރައްވައިފައެވެ.

މީގެ އިތުރުން ނެޓްޒީރޯއަށް ވާސިލުކުރުމަށް ރައީސް ސާލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ނެޓްޒީރޯއަށް ވާސިލުވުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް ސައީދު، ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރެއްވިއެވެ.

ސެކްރެޓަރީ ޖެނެރަލް ވަނީ ފެނަކައާއި ސައީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.