ޖޫން މަހުގެ ނިޔަލަށް ލިވަޕޫލާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ ކުލަބް ދޫކޮށް، ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ސައުދީ ލީގުގެ އަލް-އަހްލީއާއި ގުޅިއްޖެއެވެ.

އުމުރުން 31 އަހަރުގެ ފިރްމީނޯ އަލް-އަހްލީއާއި ގުޅިފައި މިވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

Ad
rt

ފިރްމީނޯ ލިވަޕޫލާއި ގުޅިފައި ވަނީ 2015 ވަނަ އަހަރު ޖަރުމަނު ލީގުގެ ޓީމެއް ކަމަށްވާ ހޮފެންހެއިމުންނެވެ. ލިވަޕޫލާއިއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ފިރްމީނޯ ވަނީ، ލިވަޕޫލަށް ކުޅެދިން 362 މެޗުގައި 111 ލަނޑު ޖަހައިދީފައެވެ.

ފިރްމީނޯގެ އިތުރުން އަލް-އަހްލީން ވަނީ ޗެލްސީއަށް ކުޅެމުން އައި ސެނެގާލްގެ ގޯލްކީޕަރ އެޑުއާޑް މެންޑީގެ ވެސް އެ ޓީމަށް ސޮއި ކުރުވާފައެވެ.

ސައުދީ ލީގުގެ ޓީމްތަކުން ވަނީ ޔޫރަޕްގެ ބޮޑެތި ޓީމްތަކަށް ކުޅެމުން އަންނަ މަޝްހޫރު ގިނަ ކުޅުންތެރިންގެ ސޮއި މިހާރު ވެސް ހޯދާފައެވެ. މިގޮތުން މި ޓްރާންސްފާ މާކެޓްގައި ސައުދީ ލީގާއި ގުޅުން ކުޅުންތެރިންގެ ތެރޭގައި ކަލިދޫ ކުލިބާލީ، ކަންޓޭ، ރުބެން ނެވޭސް، ކަރިމް ބެންޒެމާގެ އިތުރުން ބްރޮޒޮވިޗް ފަދަ ކުޅުންތެރިން ހިމެނެއެވެ.

ފިރްމީނޯގެ އިތުރުން މި ޓްރާންސްފާ މާކެޓްގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ލިވަޕޫލް ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި ނަބީ ކެއިޓާ، އޮކްސްލޭޑް ޗެމްބަލިން އަދި ޖޭމްސް މިލްނާ ހިމެނެއެވެ.

ފިރްމީނޯ ލިވަޕޫލާއިއެކު ހޯދާފައިވާ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން 2020 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރުން ހިމެނެއެވެ.