ކެންސަރު ބަލި ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ދެވޭ ހާއްސަ ފަރުވާއެއް ކަމަށްވާ ކިމޯ ތެރަޕީ ގެ ހިދުމަތް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ރަސްމީކޮށް ފަށައިފިއެވެ.
މިގޮތުން މި ސަރަހައްދުގެ ރަށަކަށް ނިސްބަތްވާ ފަރާތަކަށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ވަނީ ފަރުވާދެވިފައެވެ.
ކިމޯ ތެރަޕީ ހިދުމަތް ދެވޭނެ ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް އެ ހޮސްޕިޓަލުގެ ގާއިމްކުރެވުނު ކިމޯ ތެރަޕީ ޔުނިޓު ތަރައްގީ ކުރެވިފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ފަންނީ ތަޖުރިބާކާރުންގެ ލަފަޔާއެކުއެވެ.
އެ ހޮސްޕިޓަލުން ބުނީ މި ހިދުމަތް ދިނުމަށް ވަކި ސަރަހައްދެއް ރިނޮވޭޓްކޮށް، ބަޔޯ ސޭފްޓީ ކެބިނެޓް އިންސްޓޯލްކުރެވިފައިވާ ކަމަށެވެ. އަދި ހިދުމަތް ދިނުމުގައި ފޮލޯކުރާނެ އެސް.އޯ.ޕީ ތަކާއި ގައިޑްލައިންތައް ވެސް ތައްޔާރުކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މި ހިދުމަތް ކުރިޔަށް ގެންދިޔުމުގައި ހަރަކާތްތެރިވާނެ އެ ހޮސްޕިޓަލުގެ ނަރުހުންނަށް ތަމްރީނު ދެވިފައިވާ ކަމަށް ވެސް ބުނެއެވެ. އަދި މި ހިދުމަތް ދިނުމައި ބޭނުންކުރެވޭ ބައެއް ބޭސްތަކަކީ ސައިޓޯޓޮކްސިކް ގެ މާއްދާތައް އެކުލެވޭ ބޭސްތަކެއްކަމުން، ފަރުވާއަށް ފަހު އުފެދޭ މެޑިކަލް ވޭސްޓް ނައްތާލުމަށް ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަން ހޯދައިގެން ތިލަފުއްޓަށް ގެންދެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ހޮސްޕިޓަލުން އިތުރަށް ބުނީ މިފަދައިން ނައްތާލުމަށް ގެންދިޔުމާއި ހަމައަށް، އެ ހޮސްޕިޓަލުގައި ރައްކާތެރިކަމާއިއެކު ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

މި ސަރަހައްދުގައި ކިމޯ ތެރަޕީގެ ހިދުމަތް ފެށިގެން ދިއުން ވާނީ، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ އެތައް އާއިލާއަކަށް ލިބިގެންދާނެ ލުޔަކަށެވެ. އަދި މި ހިދުމަތް ހޯދުމަށް މާލެ ސަރަހައްދަށް ކުރާ ދަތުރުތައް މަދުކުރެވި، އެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ނިސްބަތްވާ އުތުރުގެ ތިން އަތޮޅުގެ މީހުން ދިރިއުޅުމުންދާ 40 އަށް ވުރެ ގިނަ ރަށުގައި 70 ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާއިރު، މި ސަރަހައްދަކީ އާބާދީ ބޮޑު ސަރަހައްދެކެވެ.

ކިމޯ ތެރަޕީގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މިކަމުގައި ހަރަކާތްތެރިވާ ނަރުހުންނާއި ޑަކްޓަރުންނަށް އިތުރު ތަމްރީނުތައް ހޯދައިދީ މި ހިދުމަތަށް އެދި އަންނަ ފަރާތްތަކަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖައްސައިދިނުމަށް އެ ހޮސްޕިޓަލުން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.
މީގެ އިތުރުން ހޮސްޕިޓަލުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ ހިޔާލާއި އެއްބާރުލުން ފާހަގަކޮށް އެކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!