''ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީއަށް ސޮއި ކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން 'ތިލަދުން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމުގެ މަޝްވަރާތައް މިހާރުއަންނަނީ ކުރަމުންނެވެ. އަދި މިވަގުތާއި ހަމައަށް އޮތީ މާދަމާރޭގެ ޖަލްސާގައި ނަޝީދު، ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

އެހެންނަމަވެސް އެ ޕާޓީން އެކަން ރަސްމީކޮށް އަދިހާމަނުކުރާއިރު، އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އެކަމާއިގުޅިގެން އެއްޗެއް ބުނަން އަދިނޭނގޭ ކަމަށާއި އެކަމުގެ މައުލޫމާތު އަދިހިއްސާކުރެވެން ނެތް ކަމަށެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މި ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ.

މި ހުއްދަ އީސީ އިން ދިނުމާއި ގުޅިގެން އެ ޕާޓީ އިން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ މި ޖުލައި މަހުގެ 5 ވާ ބުދަ ދުވަހުގެ ރޭ، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވާނެ ކަމަށެވެ.

މި ޖަލްސާ ހިނގަމުންދާ ވަގުތު، ޕާޓީ އަށް ވަންނަން އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދުގެ ޑްރާފްޓެއް އެކުލަވާލައި، ގާތްގަޑަކަށް ނިމިފައިވާ ކަމަށާއި އެހެންނަމަވެސް އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް މަސައްކަތްކޮށް، އަސާސީ ގަވާއިދާއި، ޕާޓީގެ ނަމާއި ކުލަ އާއި ލޯގޯ، އަދި ގާނޫނުގައި ކަނޑައަޅާފައި އެހެނިހެން ކަންކަން ވެސް އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ފާސްކުރާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ. މި ޕާޓީ އުފެއްދީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ.

އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާއިރު، ކޮމިޝަނުން ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދީފައިވަނީ، އެ ޕާޓީ އުފެއްދުމަށް 3،560 ފޯމު ހުށަހެޅިތާ މަސްދުވަސްވީ ފަހުންނެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބާއްވަން ހުއްދަ ދީފައި މިވަނީ އެ ހުއްދަ ދިނުން ލަސްކޮށްފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.