އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރ ސްޓީވެން ޖެރާޑް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް-އިއްތިފާޤްގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

އަލް-އިއްތިފާޤުން އެ ޓީމްގެ ކޯޗަކަށް ޖެރާޑް ހަމަޖެއްސިކަން އިޢުލާންކުރި ނަމަވެސް، ޖެރާޑްގެ ކޮންޓްރެކްޓާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އެ ޓީމުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ވުމާއެކު އެ ކުލަބުން އޭނާއާއިއެކު ހަދާފައި ވަނީ ކިތައް އަހަރު ދުވަހުގެ އެއްބަސްވުމެއްކަން ސާފެއް ނުވެއެވެ.

Ad
rt

2016 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާ ކޯޗިން ކެރިއާ ފަށާފައިވަނީ 2018 ވަނަ އަހަރު ސްކޮޓިޝް ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ ރޭންޖާސްއިންނެވެ. އޭނާވަނީ ރޭންޖާސްއާއިއެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން 2020/21 ސީޒަންގެ ސްކޮޓިޝް ޕްރިމިއާޝިޕް އެ ޓީމަށް ކާމިޔާބު ކޮށްދިނެވެ. އެއީ 10 އަހަރު ތެރޭ އެ ޓީމަށް ލީގުތަށި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ރޭންޖާސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ޖެރާޑް ދެން ހަވާލުވީ ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާއެވެ. އެއީ 2021 ވަނަ އަހަރު ނޮވެމްބަރ މަހުއެވެ. އެ ޓީމަށް ކޯޗުކޮށްދިން 40 މެޗުގެ ތެރެއިން މޮޅުވީ އެންމެ 13 މެޗުންނެވެ. ނަތީޖާތައް ދަށްވުމުން ވިލާގެ ކޯޗުކަމުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އޭނާ ވަނީ ވަކިކޮށްފައެވެ. އެއަށްފަހު އޭނާ ހުރީ އެއްވެސް ޓީމަކާއި ހަވާލުނުވެއެވެ.

ނިމިދިޔަ ސީޒަން ނިމުނުއިރު އަލް-އިއްތިފާޤް އޮތީ 16 ޓީމް ހިމެނޭ ސައުދީ ލީގުގެ ޕޮއިންޓް ތާވަލުގެ ހަތްވަނާގައެވެ. އެ ޓީމު ހަތްވަނާގައި ލީގު ނިންމާލިއިރު އެ ޓީމާއި ޗެމްޕިއަން އަލް-އިއްތިހާދާއި ދެމެދު 35 ޕޮއިންޓްގެ ފަރަގެއް އޮތެވެ.