ސަރުކާރުން ފަތުރުވެރިކަމަށް ތަރައްގީކުރަން ދޫކުރާ ރަށްތަކުގެ ތެރެއިން ތިލަދުންމަތީ އަލިދުއްފަރުގެ ބިޑް ކާމިޔާބު ކުރި ފަރާތުން މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން ދެވަނައަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އެ ފުރުސަތު ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެންމެ ބޮޑު ބިޑެއް ހުށަހެޅި ކުންފުންޏަށް 60 ދުވަހުގެ ތެރޭގައި އިކުއިޒިޝަން ކޯސްޓް ދެއްކުމުގެ ފުރުސަތު ދިން ނަމަވެސް އެ ފައިސާ ދައްކާފައިވާ ނުވާ ކަމަށެވެ. އެ ރަށަށް އެންމެ ބޮޑު އަގެއް ހުށަހެޅީ ސަބް ސޯލާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ) އެވެ.

Ad
rt

އިކުއިޒިޝަން ކޯސްޓް ދެއްކުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދެއްކުމުން ދެވަނައަށް އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަށް އަގު ދައްކަން ވަނީ ފުރުސަތު ލިބިފައެވެ. ދެވަނައަށް ބިޑް ކާމިޔާބުކުރި ފަރާތުން ހުށަހަޅަފައިވަނީ 1.2 މިލިއަން ޑޮލަރެވެ.

މިދިޔަ ޖެނުއަރީ މަހު ޓޫރިޒަމް މިނިސްޓްރީން ވަނީ 13 ރަށެއް ތަރައްގީކުރަން ހުޅުވާލައިފައެވެ. އޭގެ ތެރެއިން ދެ ރަށަކަށް 8 ފަރާތަކުން ބިޑު ހުށަހެޅިއެވެ. އެއީ ހއ. އަލިދުއްފަރު ފިނޮޅާއި ތ. އޮޅުފުއްޓަށެވެ.

ދެ ރަށުގެ ބިޑުވެސް ކާމިޔާބު ކުރީ ސަބް ސޯލާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން އޮޅުފުއްޓަށް ހުށަހެޅީ 23 މިލިއަން ރުފިޔާގެ ބިޑެކެވެ.

އަލިދުއްފަރު ފިނޮޅަށް ދެވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތް އަދި ހާމަކޮށްފައި ނުވި ނަމަވެސް އެ ކުންފުންޏަށް ވެސް އިކުއިޒިޝަން ކޯސްޓް ދެއްކުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.