މިހިނދުން ފެށިގެން އަޅުގަނޑުމެން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިތިބީ މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދޭން ކަމަށާއި ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އަދި ރައްޔިތުންގެ ތަކުލީފަކީ އެޓީމުގެ ކޮންމެ މީހެއްގެ ތަކުލީފެއް ކަމަށެވެ.
މީގެ އިތުރުން މިދިޔަ ހަތަރު އަހަރެއްހާ ދުވަހު ހިންގި ކޮންމެ މަޝްރޫއެއް ވެސް އަދި ކުރި ކޮންމެ މަސައްކަތެއް ބިނާކޮށްފައި އޮންނާނީ އެ ތަކުލީފުތައް ކުޑަކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
"މާލޭގެ ގިނަ ރައްޔިތުން މިއަދު ވެސް ދިރިއުޅެމުން އަންނަނީ، އިންސާނަކަށްވީތީ ލިބެންވާ އެތައް އަސާސީ ޙައްޤަކުން މަޙުރޫމް ވެގެން. ސާފު ވައިކޮޅެއް، ދުވާލުގެ ޤުދުރަތީ އަލިކަމެއް ނުލިބި ދިރިއުޅޭ ޢާއިލާތައް މާލޭގައި އެބައުޅޭ. އަދި ތުއްތު ދަރިން ހިތްފަސޭހަކޮށްލަން ނުކުންނާނެ ހުސް ބިންކޮޅެއް ނެތިވެސް، މާލޭ ރައްޔިތުން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ." ރައީސް ވިދާޅުވިއެވެ.
މި މޭރުމުން ވާހަފުޅު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ވެސް މަދުވެގެން 2200 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށާއި ބިންވެރިޔާ ސްކީމްގެ ދަށުން މި ބުރުގައި އެކު ޖުމްލަ 6200 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 23088 މީހުން ހުށަހަޅާފައި އެބައޮތްކަން ފާހަގަކުރައްވައި ވިދާޅުވީ އޭގެ ތެރެއިން 19858 މީހަކު ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވެފައިވާ ކަމަށާއި ޝަރުތު ހަމަވެގެން ގޯތި ލިބޭ މީހުންގެ ލިސްޓު ވެސް މިހާރު އޮތީ އާންމު ކުރެވިފައި ކަމަށެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް، ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ފުރުސަތު އޮންނާނެ ކަމަށާއި ލިބޭ ޝަކުވާތައް ބެލުމަށްފަހު، ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް، މި އަންނަ އޮގަސްޓު މަހުގެ ތެރޭގައި، އެންމެ ލަސްވެގެން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!