"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާ އަންނަ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.
އެ ޕާޓީ އިން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ މި ޖުލައި މަހުގެ 5 ވާ ބުދަ ދުވަހުގެ ރޭ ބާއްވާނެ ކަމަށެވެ. އަދި ޖަލްސާ އޮންނާނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކަމަށެވެ.
އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޖަލްސާ ހިނގަމުންދާ ވަގުތު، ޕާޓީ އަށް ވަންނަން އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދުގެ ޑްރާފްޓެއް އެކުލަވާލައި މިހާރުވަނީ ގާތްގަޑަކަށް ނިމިފައި ކަމަށާއި އެހެންނަމަވެސް އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް މަސައްކަތްކޮށް، އަސާސީ ގަވައިދާއި، ޕާޓީގެ ނަމާއި ކުލަ އާއި ލޯގޯ، އަދި ގާނޫނުގައި ކަނޑައަޅާފައި އެހެނިހެން ކަންކަން ވެސް އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ފާސްކުރާނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ. މި ޕާޓީ އުފެއްދީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ.
އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާއިރު، ކޮމިޝަނުން ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދީފައިވަނީ، އެ ޕާޓީ އުފެއްދުމަށް 3،560 ފޯމު ހުށަހެޅިތާ މަސްދުވަސްވީ ފަހުންނެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބާއްވަން ހުއްދަ ދީފައި މިވަނީ އެ ހުއްދަ ދިނުން ލަސްކޮށްފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!