މުދާ އުފުލާ ދޯންޏެއް، ތ. ގާދިއްފުށީ ކައިރީ އޮންނަ ފަރަކަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިއީ މާލެއިން ފުރައިގެން ދެއްވަދޫއަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ. އަދި މި ދޯނީގައި 4 މީހުން ތިބިކަމަށެވެ.
"ބަލްމާ-6″ ނަަމަކަށް ކިޔާ މި ދޯނީގައި ތިބީ ދިވެއްސަކާއި ތިން ބިދޭސީން ކަމަށާއި މި ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.
މީގެ އިތުރުން ރޭ ހިނގި މި ހާދިސާ އާއި ގުޅިގެން މިއަދު ހެނދުނުން ފެށިގެން ޕަންޕު ބޭނުންކޮށްގެން ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތް ސިފައިން ކޮށްފައިވާ ކަމަށާއި އެ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ކަފު ޖަހައިގެން އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ވެސް ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
އެ އިދާރާ އިން ވިދާޅުވީ ސިފައިންނާއި ދޯނީގެ ފަޅުވެރިން ގުޅިގެން ކުރި މަސައްކަތުން ދޯނި ފުންކުރެވިފައިވަނީ މިއަދު 12:00 ހާއިރު ކަމަށާއި މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!