ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނީ މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މި ޖުލައި މަހުގެ 23 ވާ އާދީއްތަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

Ad
rt

މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ޖޫން 9 ގައި އެންމެފުރަތަމަ ހުޅުވާލީ މިއަދު މެންދުރު 1 ޖެހުމާއި ހަމައަށެވެ.

އެ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ މި އިނާމު ދިނުމުގެ މައިގަނޑު މަގުސަދު ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުން ހިމެނޭ އެވެ. އަދި ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުން ހިމެނެއެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތަކުގެ ތަފްސީލު "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ގައި ވަނީ ބަޔާންކޮށްފައެވެ.

އިނާމަށް ނަން ހުށަހަޅާ ފޯމާއި އަދި މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތައް، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ކުރެވުނު އިއުލާން" އާއެކު ވަނީ އާންކޮށްފައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އަދި ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކަށެވެ.

އޭގެ ތެރޭގައި ތަޙްޤީޤީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ ދާއިރާ، ސިޔާސީ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ ހިމެނެއެވެ. އަދި ވިޔަފާރިއާއި އިޤުތިޞާދު، ކުޅިވަރު، ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް ވެސް ހިމެނެއެވެ.

މީގެ އިތުރުން ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އާއި ފީޗަރ ރިޕޯޓާއި އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ވެސް ހިމެނެއެވެ.