މިއަހަރުގެ ހައްޖު އަޅުކަމަށް ދިޔަ ރާއްޖޭގެ ހައްޖުވެރިން ރާއްޖެ އަންނަ ފަށާނީ އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން ފުރާފައި ވަނީ ޖޫންމަހުގެ 12 އިން 19 އަށެވެ.
ސައޫދީ ސަރުކާރުން ދެއްވި 1000 ކޯޓާގައި މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގޮސްފައިވާއިރު، މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވީ އަންގާރަ ދުވަހެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީއަށް ދިޔަ ދިވެހި ޙައްޖުވެރިން އަންނަ ޖުލައި މަހުގެ 7 އިން ފެށިގެން ރާއްޖެ އަންނަން ފަށާއިރު، ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޖުލައި 7 ވަނަ ދުވަހު ދެ ފްލައިޓެއްގައި ހައްޖުވެރިން އަންނާނެއެވެ.
ޖުލައި މަހުގެ 10 ވަނަ ދުވަހު އެއް ފްލައިޓްގެ ހައްޖުވެރިން އަންނަން ހަމަޖެހިފައިވާއިރު، ޖުލައި 11 ވަނަ ދުވަހު 4 ވަނަ ފްލައިޓުން، ޖުލައި 12 ވަނަ އެއް ފްލައިޓުން އަދި ޖުލައި 14 ގައި އެއް ފްލައިޓުން ހައްޖުވެރިން އަންނާނެއެވެ.
ޖުލައި 7 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޙައްޖު ކޯރޕަރޭޝަނާއި، އަލް މަނާސިކް ގްރޫޕްގެ ހަވާލުގައި ދިޔަ މީހުންނެވެ. ޖުލައި 10 ވަނަ ދުވަހު ވެސް އަންނާނީ ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންދިޔަ ބަޔެކެވެ. ޖުލައި 11 ވަނަ ދުވަހު އަންނާނީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ މީހުންނެވެ. ޖުލައި 12 ވަނަ ދުވަހު އަންނާނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ މީހުންނެވެ. ޖުލައި 14 ގައި އަންނާނީ ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ގެންދިޔަ ހައްޖުވެރީންނެވެ.
ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުތައް ސަރުކާރުން ހަމަޖައްސަމުން އަންނައިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!