ގޯތިތެރޭގައި ގަސްއިންދާ ހައްދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި ހިންގައިފިއެވެ.

މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްމޯލް އައިލެންޑް ޖޯގްރަފިކް ސޮސައިޓީ ގުޅިގެން ހިންގާ "ސަސްޓެއިނަބަލް ލައިވްލިހުޑް އެންޑް އިކޮނޮމީ ރިކަވަރީ ޕްލޭނިންގ ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

މި ޓްރެއިނިންގެ ތެރެއިން، ގަސްގަހާއި ގެހި ހެއްދުމަށް ބޭނުންވާ ތިއަރީ ސެޝަންތަކާއި ގަސްގަހަށް ޖެހޭ ބަލިތައް ދެނެގަންނެ ކޮންޓްރޯލް ކުރާނެގޮތާއި، ގަސް އިންދުމާއިގުޅޭ ޕްރެކްޓިކަލް ސެޝަން ތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކުޅުދުއްފުށި ސިޓީގެ ޑިޕިއުޓީ މޭޔަރު އަލީ އަހްމަދު 'ތިލަދުން' އަށް ވިދާޅުވީ މި ޖޫން މަހުގެ 22 ން ފެށިގެން 25 ވަނަ ދުވަގުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަށް ނަން ނޯޓު ކުރުމަށް ހުޅުވައިލުމުން 55 ފަރާތަކުން ނަން ނޯޓުކޮށްފައިވާ ކަމަށާއި ނަމަވެސް މިފަހަރު ފުރުސަތު ދިނީ 30 ބައިވެރިންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ ބައިވެރިންނަށް ފުރުސަތު ދީފައިވާނީ ނަން ނޯޓުކުރި ތަރުތީބުން ކަމަށާއި އެގޮތަށް ނިންމީ ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން އެދިފައިވާތީ ކަމަށެވެ.

"އަޅުގަނޑުމެން މި ޕްރޮގްރާމުގަ ނަން ނޯޓު ކުރުމަށް ހުޅުވާލުމުން 55 މީހުން ނަން ހުށަހެޅި. އެކަމަކު މިފަހަރު ބައިވެރިކުރީ 30 މީހުން. މީ މިފަދަ ޕްރޮގްރާމެއް މިރަށުގަ ހިންގި ފުރަތަމަ ޕްރޮގްރާމު ކަމަށް އަޅުގަނޑަށް ހީވަނީ. އެހެންވެ އެހާ ގިނަ މީހުން ބައިވެރިވާން ބޭނުންވީ." އަލީ އަހްމަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ އެންމެމުހިންމު ބޭނުމަކީ އެސިޓީއަކީ ދަނޑުތަކުގައި، ދަނޑުވެރިކަން ކުރާ މީހުން މަދު ސިޓީއަކަށްވާތީ، ގޯތިތެރޭގައި ވީހާވެސް ކުޑަ ތަންކޮޅެއްގައި ދަނޑުވެރިކަން ކޮށްގެން ނަފާ ހޯދޭނެ ގޮތް ހަދައިދިނުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި ޕްރޮގްރާމުގައި ވީހާވެސް މަދުން ނުވަތަ އެއްގޮތަކަށް ވެސް ކެމިކަލް އެކުނުލެވޭ ގޮތަށް ދަނޑުވެރިކަން ކުރެވޭނެ ގޮތް ކިޔައިދީފައިވާނެ ކަމަށެވެ. އަދި ކުޑަތަންކޮޅެއްގައި ދެމެހެއްޓެނިވިގޮތެއްގައި މިކަން ކުރެވޭނެ ގޮތް ވެސް ކިޔައިދީފައިވާނެ ކަމަށެވެ.