ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރ ސާޖިއޯ ބުސްކެޓްސް އެމެރިކާގެ އިންޓަ މިއާމީއަށް ބަދަލުވާން ނިންމާފައިވާކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.
ދުނިޔެދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ލައިނަލް މެސީ ފާއިތުވި ސީޒަނަށް ފަހު ފްރާންސްގެ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ ޓީމް ދޫކޮށް ވަނީ އިންޓަ މިއާމީއަށް ބަދަލުވެފައެވެ. ބުސްކެޓްސްއާއި މެސީއަކީ ބާސާގައި އެކުގައި 13 އަހަރު ހޭދަކުރި ދެ ކުޅުންތެރިންނެވެ.
މި ދެ ކުޅުންތެރިން 2008 އިން ފެށިގެން 2021 އަށް ބާސާގައި ހޭދަކުރި އިރު އެކުގައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. ކާމިޔާބީތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގު ތަށި ތިންފަހަރު، ލަލީގާ ތަށި އަށް ފަހަރު އަދި ކޮޕަ ޑެލް ރޭ ތަށި ހަފަހަރު ކާމިޔާބު ކުރުން ހިމެނެއެވެ.
ބާސާގައި 18 އަހަރު ހޭދަކުރުމަށް ފަހު އެ ކުލަބް ދޫކޮށްލަން ނިންމާފައިވާކަން ބުސްކެޓްސް އިއުލާން ކޮށްފައި ވަނީ މިދިޔަ މެއި މަހުއެވެ. އޭނާއަކީ ބާސާގެ ޔޫތު ޓީމުން ސީނިއާ ޓީމާއި ގުޅިފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ބާސާގެ ސީނިއާ ޓީމުގައި 15 އަހަރު ހޭދަކޮށް ބާސާގެ ޖޯޒީގައި 722 މެޗު ކުޅެފައެވެ. އޭނާ އަކީ ބާސާއަށް ތިންވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. ބާސާއިން އޭނާ ސިފަކޮށްފައި ވަނީ އެ ކުލަބަށް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައެވެ.
ބުސްކެޓްސް ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ފަހުއެވެ. އޭނާ ވަނީ ގައުމީ ޓީމާއިއެކު 2010 ވަނަ އަހަރު ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!