ސްޕެނިޝް ލީގުގެ ސެލްޓަ ވިގޯގެ އައު ކޯޗަކަށް ރަފައެލް ބެނިޓޭޒް ހަމަޖައްސަން އެ ކުލަބުން ނިންމައިފިއެވެ.
ފާއިތުވި ސީޒަންގައި ސެލްޓަ ވިގޯގެ ނަތީޖާތައް ފެނުނީ ވަރަށް ދަށްކޮށެވެ. ނަމަވެސް އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ކާލޮސް ކަރަވަހާލްގެ އިރުޝާދުފެ ދަށުން އެ ޓީމް ވަނީ ރެލިގޭޝަން ޒޯނަށް ނުވެއްޓި ސަލާމަތްވެފައެވެ. ސީޒަނަށް ފަހު ކާލޮސް އިސްތިއުފާ ދިނުމާއިއެކު އެ މަގާމް އޮތީ ހުސްވެފައެވެ.
އުމުރުން 63 އަހަރުގެ ސްޕެއިންގެ ތަޖުރިބާކާރު ކޯޗް ބެނިޓޭޒް ސެލްޓަ ވިގޯއާއި ހަވާލުވަނީ ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. ފާއިތުވި އަހަރުގެ ޖަނަވަރީ މަހު ޕްރިމިއާ ލީގުގެ އެވަޓަންގެ ކޯޗުކަމުން ބެނިޓޭޒް ވަކިކުރި ފަހުން އޭނާ ހުރީ ކޯޗުކަމާއި ދުރުގައެވެ.
ބެނިޓޭޒްއަކީ މަޝްހޫރި ގިނަ ކުލަބް ތަކަކަށް ކޯޗް ކޮށްދީފައިވާ ކޯޗެކެވެ. މިގޮތުން އޭނާ ވަނީ ރެއާލް މެޑްރިޑާއި އިންޓަ މިލާނާއި ލިވަޕޫލް ފަދަ ޓީމްތަކަށް ކޯޗުކޮށްދީފައެވެ. މީގެ އިތުރުން ޗައިނާ ލީގުގައި ވެސް އޭނާ މަސައްކަތް ކޮށްފައިވެއެވެ. ސެލްޓަ ވިގޯއަކީ އޭނާ އިރުޝާދު ދޭ 14 ވަނަ ޓީމެވެ.
ބެނިޓޭޒްގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2005 ވަނަ އަހަރު ލިވަޕޫލާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި، ޖެހިގެން އައި އަހަރު ލިވަޕޫލާއިއެކު އެފްއޭ ކަޕް ކާމިޔާބު ކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!