ދޯންޏެއްގައި 61 ކިލޯ ޑުރަގު އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް މީހުންގެ ތެރެއިން، ތުހުމަތު ކުރެވޭ ބޮޑުން ސަލާމަތްވެެ އިތުރު ހަ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމް ކޮށްފިއެވެ.

ފުލުހުން މާޗު، 2020 ގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި މާލޭ ޓީޖެޓީ ސަރަހައްދުން، "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ޑުރަގު އެތެރެ ކުރަން އުޅެނު މައްސަލައިގައި 11 މީހަކު ހައްޔަރު ކުރިއެވެ.

Ad
rt

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ، މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި އެ މައްސަލައާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެކެވެ.

އެ މައްސަލާގައި ހައްޔަަރު ކުރި މީހުންނަކީ މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމާއި މއ. ބޮއިލިންފިޝް، އަހްމަދު ވިސާމާއި މ. މާކޮޅު، މުހައްމަދު މާއިޝާއި މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒާއި ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދާއި މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދާއި ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒާއި މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމާއި މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދާއި މއ. ވިރާހް، މުހައްމަދު ޝާމިނާއި މ. ކެޕްރިކޯން، ސައުދުﷲ ރަޝީދެވެ.

އެ މީހުންގެ ތެރެއިން، ދައުވާ ސާބިތުވީ 6 މީހެއްގެ މައްޗަށެވެ. އެއީ ޝިފާޒާއި، ރިޝްވާނާއި، ސުނާޒާއި، ޝާމާއި، މާއިދު އަދި ސައުދުﷲ ރަޝީދުގެ މައްޗަށެވެ.

އެ މީހުން އުމުރަށް ޖަލަށްލުމާ އެކު، 100،000 ރުފިޔާއިން ޖޫރިމަނާކޮށް، މި މަހުގެ 20އިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ކުރަން ވަނީ އަންގައިފައެވެ.

އެ މީހުންނަށް 25 އަހަރުގެ ހުކުމެއް އައި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒު ކުރަން ޖެހޭނީ، 21 އަހަރާއި ނުވަ މަހާއި 25 ދުވަހެވެ.

ދެން ދައުވާކުރި، ވިސާމް، މާއިޝް، ޝާމިން އަދި މުހައްމަދު ހަމީދުގެ މައްޗަށް ދައުވާ ސާބިތުވެފައެއް ނުވެއެވެ. އޭގެ ތެރެއިން ވިސާމަކީ، މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ މީހާއެވެ.

މި މައްސަލައިގައި އެ މީހުން އަތުލައިގަތުމަށް ފުލުހުން ވަނީ ކަނޑުމަތީގައި ނުވަ ދުވަސް ހޭދަކޮށްފައެވެ.

އޭރު ކުރި ދައުވާގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި އެތެރެ ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާ އެންމެ އިސް ދައުރެއް އަދާ ކޮށްފައިވަނީ ވިސާމެވެ.