އަދަބީ ފަންނުތަކަށް ދަރިންގެ ސިކުނޑިތައް ހުޅުވައިދޭ ވެއްޓެއް އޮންނަންޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެޖަމުޢިއްޔާގެ 13 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކޮންމެ ބަހަކުން ތައުލީމު އުނގެނުނު ނަމަވެސް، އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުމަކީ، އުނގެނެމުންދާ އަނެއް ބަހުގެ މުއްސަނދިކަން ލިބިގަތުމަށް އެޅޭ ވަރަށް ބޮޑު ބާރެއްކަން ވެސް ފާހަގަކުރައްވާފައެވެ.

Ad
rt

ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ކުދިންގެ ތޫނުފިލިކަމާއި އިލްމީ ގާބިލުކަން ވަރަށް މަތީގައި ހުރިނަމަވެސް ބައެއް ކުދިން ދިވެހި ބަހާ ވަރަށް ދުރުކަން ފާހަގަކުރައްވާފައެވެ.

މި މައްސަލަ ހައްލުކުރުމަކީ ސަރުކާރާއި އަދީބުންނާއި ބަހުގެ އުސްތާޒުންނާއި މުޅި މުޖުތަމައުގެ ވެސް މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި މިއީ އަވަސް ހައްލެއް ނުހޯދައިފިނަމަ އިޢާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް އަދަބިއްޔާތަށް ކުރިމަތިވެދާނެ މައްސަލައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަރާފައިވާ ހުރިހާ ހަޟާރަތްތަކެއް ވެސް ފިރުކުމުގެ މަރުހަލާ ހޭދަކޮށްފައިވަނީ އަދަބިއްޔާތުގެ ވަރަށް ފުން ކަނޑެއްގެ ތެރޭގައި ކަމަށާއި އިސްލާމީ ހަޟާރަތުގެ ފެށުމަކީ އޭގެ ނަމޫނާ މިސާލެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އިސްލާމީ އުންމަތަށް ދެއްވި އެންމެ ވަރުގަދަ މުޢުޖިޒާތް ކަމަށްވާ ކީރިތި ޤުރްއާން ލެއްވެވީ، ބަހަވީ އަދި އަދަބީ ގޮންޖެހުމެއްގެ ގޮތުގައިކަން ވެސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިއަދުގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް، އެ މީހުންގެ ފަޚުރުވެރި ހަޟާރަތުގެ އެންމެ މުހިންމު ރުކުނެއްގެ ގޮތުގައި ބަލަނީ، އެ މީހުންގެ މުއްސަނދި އަދަބިއްޔާތު ކަމަށާއި އެއިން ކޮންމެ ގައުމެއްގައި އޮތީ، މީގެ އެތައް ގަރުނެއް ނުވަތަ އެތައް ސާސްކަފެއް ކުރިން އުފެދި އާރުލާފައި އޮތް އަދަބިއްޔާތެއް ކަމަށެވެ.