ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ގިނަ ދިވެހިންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީ އުފެއްދުމުގެ ބާނީ ކަމުގައިވާ ނަޝީދު، އެ ޕާޓީ ދޫކުރެއްވުމުން އެކަމަށް އިޝާރާތް ކުރައްވައެވެ.
އާތިފް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި މުހިންމު ދުވަހެއް ކަމަށެވެ. އަދި އެބޭފުޅެއްގެ ފިކުރެއްގެ މައްޗަށް ރާއްޖޭގައި އެންމެފުރަތަމަ އުފެއްދި ސިޔާސީ ޕާޓީގެ ހަގީގީ ލީޑަރު ނަޝީދު ވަނީ އެޕާޓީ ދޫކޮށްލައްވާފައި ކަމަށެވެ.
2011 ވަނަ އަހަރު ވެސް ހަމަ މިފަދަ ހާދިސާއެއް ފެނިގެން ދިޔަ ކަމަށާއި އެއީ ޑީއާރްޕީގެ ޒައީމް، މައުމޫން ގެ ބާރު، އެޕާޓީގެ އިސްބަޔަކު ކަނޑުވާލާ ޕާޓީ ހިސޯރުކުރުން ކަމަށެވެ. އަދި އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނާއެކު އެމަނިކުފާނު ނުކުމެވަޑައިގެން ޕީޕީއެމް އުފެއްދެވިކަން އާތިފް ވަނީ ހަނދާންކޮށްދެއްވާފައެވެ.
މައުމޫންގެ ސިޔާސީ ހަޔާތް ނިމިފައިވާ ކަމަށާއި އަލަށް އުފައްދާ ޕީޕީއެމް އަށް ވަންނާނެ މީހަކު ނުވާނެކަމަށް ޑީއާރްޕީގެ ލީޑަރުގެ ގޮތުގައި އޭރު ހުންނެވި އަހްމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ އަރިސްބޭފުޅުން ވިދާޅުވަމުން ދިޔަކަން އާތިފް ވަނީ ހަނދާންކޮށްދެއްވާފައެވެ. ނަމަވެސް ދެން އެ ދެ ޕާޓީއަށް ވެގެންދިޔަ ގޮތް އެއްވެސް މީހަކަށް އޮޅިފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ އެމްޑީޕީ އަށް ވެސް މިއަދި ދިމާވީ ހަމަ އެ ހާލަތު ކަމަށާއި އިއްތިފާގަކަަށްވީ މިއަދު އެމްޑީޕީގެ އިސްސަފުގައި ވެސް އެތިއްބެވީ އެދުވަހު ޑީއާރްޕީން މައުމޫން ނުކުމެވަޑައިގަތުމަށް މަޖުބޫރުކުރުވި ލީޑާޝިޕް ކަމަށެވެ. ތަފާތަކީ މިވަގުތު އެމްޑީޕީ ވެރިކަމުގައި އޮތުން ކަމަށް ވެސް ވިދާޅުވިއެވެ.
ވެރިކަމުގެ ދައުރު ނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، ސަރުކާރާއި ދޭތެރޭ ބޮޑެތި ހިތްހަމަނުޖެހުންތަކެއް ރައްޔިތުންގެ މެދުގައި އެބައޮތް ކަމަށް ވެސް އާތިފް ވިދާޅުވިއެވެ. އެހެންނަމަވެސް ކަންވާނޭގޮތް ބުނަން ނޭނގޭނޭ ކަމަށް އާތިފް ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!