މި މަހުގެ ނިޔަލަށް މެންޗެސްޓާ ސިޓީގެ ކޮންޓްރެކްޓްގައި ހުރި ޖަރުމަނުގެ މިޑްފީލްޑަރު، ގުންޑޮގަން ހިލޭ ޓްރާންސްފާއެއްގެ ދަށުން ބާސެލޯނާއަށް ބަދަލުވާން ނިންމައިފިއެވެ.
އުމުރުން 32 އަހަރުގެ ގުންޑޮގަން ސިޓީ ދޫކޮށްލަން ނިންމާފައި މިވަނީ، ސިޓީ އޭނާ އައު ކޮންޓްރެކްޓެއްގައި ސޮއި ކުރުވަން މަސައްކަތް ކުރަމުން ދަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުން ބާސާއިން ގުންޑޮގަންއާއިއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލާނެއެވެ. ވުމާއެކު އޭނާ ބާސާގައި 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަޑުކުރާނެއެވެ.
ނިމިދިޔަ ސީޒަންގައި ސިޓީން ތިންތަށި ކާމިޔާބު ކުރިއިރު މި ކާމިޔާބީ ތަކުގައި ވެސް ގުންޑޮގަންގެ ހިއްސާ ބޮޑެވެ. އޭނާ ވަނީ މުހިންމު މެޗުތަކުގައި ސިޓީއަށް ލަނޑު ވެސް ޖަހައިދީފައެވެ. މިގޮތުން އެފްއޭ ކަޕް ފައިނަލުގައި 2-1 ނަތީޖާއިން ސިޓީ މޮޅުވިއިރު، އެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށެ ދެ ލަނޑު ވެސް ޖެހީ އޭނާއެވެ. އޭނާ ވަނީ މި ސީޒަންގައި ސިޓީއަށް ކުޅެދިން 51 މެޗުގައި 11 ލަނޑު ޖަހާފައެވެ.
ގުންޑޮގަން ސިޓީއަށް ގެނެސްފައިވަނީ 2016 ވަނަ އަހަރު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުންނެވެ. އޭނާ ސިޓީގައި ހޭދަކުރި ހަތް ސީޒަންގައި ވަނީ 304 މެޗު ކުޅެދީ 60 ލަނޑު ޖަހައިދީފައެވެ.
ސިޓީގައި އޭނާ ހޭދަކުރި ހަތް އަހަރުތެރޭ ވަނީ ޖުމްލަ 14 ތައްޓެއް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ސިޓީއާއިއެކު ޕްރިމިއާ ލީގު ފަސްފަހަރު، އެފްއޭ ކަޕް ދެފަހަރު، ކަރަބޯ ކަޕް ހަތަރުފަހަރު، ކޮމިއުނީ ޝީލްޑް ދެފަހަރު އަދި ޗެމްޕިއަންސް ލީގު އެއްފަހަރު ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!