ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ސީގައި ރޭ އިންގްލެންޑާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު އިންގްލެންޑުން ކާމިޔާބު ކޮށްފިއެވެ. ރޭ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންގްލެންޑުން ވަނީ 7-0 ގެ ނަތީޖާއިން ނޯތު މެސެޑޯނިއާގެ މައްޗަށް ކުރި ހޯދާފައެވެ.
މި މެޗުގައި އާސެނަލަށް ކުޅެމުން އަންނަ އުމުރުން 21 އަހަރުގެ ޒުވާން ފޯވާޑް ބުކަޔޯ ސަކާ ވަނީ ތިންލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މިއީ އޭނާ ގައުމީ ޖޯޒީގައި ހެދި ފުރަތަމަ ހެޓްރިކެވެ. މެޗުގެ 58 ވަނަ މިނެޓުގައި އޭނާ ބަދަލު ކޮށްފައިވާއިރު އިންގްލެންޑް ސަޕޯޓަރުން ވަނީ އޭނާ ދަނޑުންފޭބި ވަގުތު ވަރަށް ބޯޑަށް އޭނާއަށް ތަރުހީބު ދީފައެވެ.
މި މެޗުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވެސް ވަނީ ދެ ލަނޑުޖަހާފައެވެ. މި ލަނޑުތަކާއިއެކު އޭނާ ޤައުމީ ޖާޒީގައި ޖެހި ލަނޑުގެ އަދަދު ވަނީ 58 އަށް އަރާފައެވެ. ދެން އިންގްލެންޑަށް ލަނޑުތައް ޖަހައިދިނީ ރަޝްފޯޑާއި ކެލްވިން ފިލިޕްސް އެވެ.
މި ގްރޫޕްގައި ރޭ ޔުކްރެއިންއާއި މަލްޓާ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޔުކްރެއިން އެވެ.
ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއިއެކު މި ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ އިންގްލެންޑެވެ. ދެވަނާގައި 3 މެޗުން ލިބުނު 6 ޕޮއިންޓާއިއެކު ޔުކްރެއިން އޮތްއިރު، ތިންވަނާގައި 2 މެޗުން ލިބުނު 3 ޕޮއިންޓާއިއެކު އޮތީ އިޓަލީއެވެ. ތިން މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ގްރޫޕްގެ ހަތަރުވަނާގައި ނޯތު މެސެޑޯނިއާ އޮތްއިރު ފުލުގައި އޮތީ މަލްޓާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!