ހއ. އަތޮޅު ހޮސްޕިޓަލުގައި ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މި ޖޫން މަހުގެ 18 ވީ އާދިއްތަ ދުވަހުއެވެ.

Ad
rt

އެ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އާދަމް ނަސީރު 'ތިލަދުން' އަށް ވިދާޅުވީ މިއީ ގާތްގަޑަކަށް 7 އަހަރު ވަންދެން ކުރަމުން އައި އިންތިޒާރެއްގެ ނިމުން ކަމަށެވެ.

މީގެ ކުރިން އެކްސްރޭ ނަގަމުން އައީ ޕޯޓަބަލްކޮށް ކަމަށްވާތީ، ދުވާލަކު ނެގެނީ 5 އެކްސްރޭ ނަމަވެސް މި ޚިދުމަތް ޑިޖިޓަލް ކުރުމުން އެ ލިމިޓޭޝަނަށް ނިމުން އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލުން ވޯކްޕާމިޓް ހެއްދުމަށް ވެސް ލުއި ފަސޭހަތަކެއް ލިބުނީ ކަމަށެވެ.

"އަޅުގަނޑުމެންނަށް މީގެ ކުރިން ވޯކްޕާމިޓް ވެސް ހެއްދެނީ އެންމެ 5 މީހުންނަށް ދުވާލަކު. އެކަމަކު މިހާރު ބޭނުންވަރަކަށް ހެއްދޭނެ. ވަރަށް ގިނަ ބިދޭސީން އަންނާނެ ކޮންމެދުވަހަކު ވެސް މިތަނަށް ވޯކްޕާމިޓް ހައްދަން. އެހެންވީމަ ވަރަށްބޮޑު ލުޔެއް މި ލިބުނީ." އާދަމް ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ސައުތު ކޮރެއާގެ އުފެއްދުމެއް ކަމަށްވާ މި އެކްސްރޭ މެޝިނުން ކޮންމެ ދެ މިނެޓަކުން އެކްސްރޭ އެއް ނެގޭނެ ކަމަށެވެ.

މިކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކޮށްފައިވަނީ އެސްޓީއޯ އާއި ކޮރެއާގެ ކުންފުންޏެއްގެ މުވައްޒަފުން އެ ހޮސްޕިޓަލަށް ގޮސްގެން ކަމަށް ވެސް އާދަމް ނަސީރު ވިދާޅުވިއެވެ.