ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީ ކޮށްދިނުން ލަސްކުރާވާތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ކަންބޮޑުވުން ދާޅުކުރައްވައިފިއެވެ.

"ދަ ޑިމޮކްރެޓްސް" އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ.

Ad
rt

އެ ޕާޓީ ރަޖިސްޓަރީ ކުރުން ލަސްވާތީ، އެކަމުގައި އުޅުއްވާ އިސް ބޭފުޅުން އިއްޔެ ވަނީ އީސީ އަށް ވަޑައިގެންފައެވެ. ޕާޓީ އުފެއްދުމުގެ ހުއްދައާ މެދު ގޮތެއް ނުނިންމަނީސް އީސީން ނުނުކުންނާނެ ކަމަށް ބުނެ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅޭ ބޭފުޅުންނާއި ބައެއް ސަޕޯޓަރުން އިއްޔެ މެންދުރުން ފެށިގެން ތިބީ ކޮމިޝަނުގަ އެވެ. އަދި އެބޭފުޅުން އީސީން ނިކުންނެވީ އެ ކަމާމެދު އީސީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު، އީސީގެ ރައީސް ފުއާދު ތައުފީގު އެ ބޭފުޅުންނާ ބައްދަލު ކުރެއްވުން ރޭގެ ވަގުތެއްގައެވެ.

އެކަމާއި ގުޅިގެން ބޭއްވި ބައްދަލުވުމުގައި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އަދިދޭން ބައްދަލުވުމުގައި ބައިވެރިވި އީސީގެ ހަތަރު މެންބަރުންކުރެ ދެ މެންބަރަކު ތާއީދު ނުކުރެއްވުމުން އެ ޕާޓީ އުފައްދަން ހުއްދަ ލިބޭގޮތް އަދި ވަނީ ނުވެފައެވެ.

މިކަމާއިގުޅިގެން އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށްވާއިރު، އެހައްގު ހަނިވާގޮތަށް ގާނޫނު މާނަކޮށް"ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން ހުއްދަނުދީ ހިފެހެއްޓުމަކީ ނުހަނު ކަންބޮޑުވުން އޮތްކަމެއް ކަމަށެވެ.

''ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހިމާޔަތްކުރުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކަމެއް.'' ނާޒިމް ވިދާޅުވެފަވެއެވެ.

އީސީގެ ރޭގެ ބައްދަލުވުމުގައި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދިނުން ތިން މަސް ދުވަހަށް މަޑުޖައްސާލަން ވޯޓު ދެއްވީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފެވެ. އީސީގެ ރައީސް ފުއާދާއި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ.

މި ޕާޓީ ރަޖިސްޓަރީކޮށްދިނުން ދިގުދައްމާތީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅޭ ބޭފުޅުންނާއި ބައެއް ސަޕޯޓަރުން ރޭ ވަނީ މާލޭގައި މުޒާހަރާވެސް ކޮށްފައެވެ.