އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ މަސްރޭސް ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ ހަތަރު ސިޓީގައި ބޭއްވުމަށް ނިންމައި، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަަތައް ކަމަށް އުރީދޫން ބުންޏެވެ.

Ad
rt

ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. އުރީދޫ މަސްރޭސް 2023 އިއުލާނުކޮށް އޮންލައިން ޕޯޓަލް http://ore.do/masrace މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ޖުލައި 1 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މިއަހަރުގެ މުބާރާތް ހަތަރު ސިޓީގައި ބާއްވަން ނިންމީ އެ ކުންފުނިން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދިނުމުގައި 18 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި އިތުރު ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި މުޖުތަމައުތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް އޭނާ ދައުވަތު އަރުވިއެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭއިރު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށް އުރީދޫއިން ބުންޏެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީހުތައް:
• މާލެ ސިޓީ: 4 އޮގަސްޓް 2023
• ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023
• އައްޑޫ ސިޓީ: 18 އޮގަސްޓް 2023
• ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023

އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު، ގިނަވެގެން 30 ޓީމު ވާދަކުރާނެއެވެ. 30 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެއެވެ.

މި މުބާރަތަައް ޖުމްލަ 75،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
• އެއްވަނަ ޓީމް: 25،000 ރުފިޔާ
• ދެ ވަނަ ޓީމް: 10،000 ރުފިޔާ
• 3 ވަނަ ޓީމް: 5000 ރުފިޔާ
• އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
• އެންމެ މޮޅު ފިޝަވުމަން: 1000 ރުފިޔާ

އުރީދޫ މަސްރޭސް 2023 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާައި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.