"ޝަހާނާ؟ ވަދީފާގޭ ޝަހާނާ؟ އޯހް! އެ މަންޖެގެ ގޮތެއް ނޭނގެ! އެކަމަކު ގައިމުވެސް އެ ވަދީފާއަކީ ވަރަށް މުށްބާރު ދަހި މީހެކޭ ބުނާތީ އަހަން.. އަނެއްކޮޅުން ތަޢުފީޤަކީ އަތުންފައިން މަސައްކަތެއް ކުރާ މީހެއްނޫން. ކުރަން އެނގޭވެސް މީހެއް ނޫން.. ވަދީފާވެސް އެހާ މުށްބާރުވަނީ އަސްލު އެހެންވެ! އާނ އޭނަ ހޯދާ ފައިސާ ހުސްވީމަ ހުސްވީތާ.." ޝާކިރު އެހެން ބުނި އަޑު ގޭތެރެއިން ނިކުތް ޖާވިދަށް ރީތިކޮށް އަޑުއިވުނެވެ. އެއާއިއެކު ޝާކިރުގެ އިތުރުން ފާއިޒާއަށްވެސް ޖާވިދު ފެނިއްޖެއެވެ. އެހެންކަމުން ޝާކިރު ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. ޖާވިދަކީ އެދެމަފިރިންގެ ދޮށީ ދަރިއެވެ. އެހެންކަމުން އެމީހުންގެ ހިތުގައި ޖާވިދަށްޓަކައި އޮންނަނީ ވަރަށް ޚާއްސަ ލޯތްބެއް އުފެދިފައެވެ. ޖާވިދްގެ ހިތް ނުރުހޭފަދަ އެއްވެސް ކަމެއް ކުރުމަކީ ޝާކިރަށް ކުޅަދާނަކަމެއް ނޫނެވެ.
" ދަ..ދަރިފުޅާ! އާދޭ.. ޖޯލީގައި އިށީނދެލަން" ޖާވިދްގެ މޫނުމަތީގަައިހުރި ފުސްކަމެއްގެ ސަބަބުން އޭނާއަށް ޝާކިރުގެ ވާހަކަތައް އަޑުއިވުނުކަން ޝާކިރަށް ޔަޤީންކުރެވުނެވެ. މަޑުމަޑުން އައިސް ޖާވިދް ޖޯލިފަތީގައި އިށީނދެ މަންމައާއި ބައްޕަގެ މޫނަށް ބަލައިލީ ފަރުވާތެރިކަމާއެކުއެވެ. ޖާވިދް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އެއްޗެއް ނުބުނެ ޝާކިރުވެސް އިނެވެ.
" ބައްޕަގާތު ބުނެފިން ދަރިފުޅު ކައިވެނި ކުރަން ބޭނުންވާ ވާހަކަ" ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލުވާލީ ފާއިޒާއެވެ. ޖެހިލުންވެ ހުރެ ޖުމްލަ ދޫކޮށްލުމަށްފަހު ފާއިޒާއަށްވެސް އިނދެވުނީ ޖާވިދްގެ މޫނަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ކައިވެނި ކުރަން މިއުޅެނީ ހަމައެކަނި ޝަހާއާ..ޝަހާނާގެ މައިންބަފައިންނަކާ ނޫން.. ޝަހާނާގެ މައިންބަފައިންގެ ގޮތް އަހަންނަށްވެސް ވަރަށް ރަނގަޅަށް އެނގޭ.. އެމީހުންގެ ކިބައިގައި ހުންނަ ސިފަތަކަކުން ޝަހާނާއަށް ދިރިއުޅުން ގެއްލެން ޖެހޭނެ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން.."
އިސްޖަހާލައިގެން އިނދެ، އިރުއިރުކޮޅުން ޝާކިރުގެ މޫނަށް ބަލަމުން ޖާވިދް ވާހަކަ ދެއްކީ މަޑުންނެވެ. ނަމަވެސް އޭނާގެ ވާހަކަ ދެއްކުމުގެ ރާގު ހުރިގޮތުން ޝާކިރުގެ ވާހަކަތަކާއިމެދު އޭނާ ނުރުހުން ވެއްޖެކަން ޝާކިރަށް އިޙްސާސް ކުރެވުނެވެ.
" ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގައި ކޮންމެވެސް ގޮތެއް ހުންނާނެ މީހެއް! އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއްނޫން. އަހަރެމެންނަށް މަންމައާއި ބައްޕައަކީ މި ދުނިޔެމަތީގައި ތިބި އެންމެ ރަނގަޅު ދެމީހުންގެ ގޮތުގައި އަހަންނާ ކޮއްކޮ ޤަބޫލުކުރަން. އެކަމަކު ޖެހިގެން އެހުރިގޭ ފާތުމައްތަ، މަންމަދެކެ ކިހާ ރުޅިއެއް އާދޭތަ؟ ކިރިޔާ ކަމެއްވާއިރަށް އެއްޗެހި ގޮވާއަޑު އެންމެ ކުޑައިރުއްސުރެ އަހަރެން އަޑުއަހަން.. "
ޖާވިދްގެ ވިސްނުން ބަދަލު ނުވާނެކަން އެނގޭ ޙާލު ޝާކިރަށް ބަލައިލެވުނީ ފާއިޒާއާ ދިމާލަށެވެ. ދަރިފުޅުގެ ކުރިމަތީގައި މިއަދު ދެމީހުން ލަދުގަނެއްޖެއެވެ. ދައްކާނެ ވާހަކަވެސް ހުސްވެއްޖެއެވެ. އެމީހުންނަކީ ދަރިންނަށް އަޑުލައި، ހަރުއަޑުން ވާހަކަދައްކާ ހަދާ ބައެއް ނޫނެވެ.
" މަންމައާއި ބައްޕަ ބޭނުންވާ ކޮންމެ އެއްޗެއް ދަރީންނާ ދިމާލަށް ބުނުމުގެ ޙައްޤު އޮންނާނެ! އަސްލު ބައްޕަ ދެންމެ ދެއްކި ވާހަކަތަކުން އަހަންނަށް ހީވީ ޝަހާގެ މަންމަގެ ސްޓައިލް ހުންނަ ގޮތުން މި ކައިވެންޏަށް ބައްޕަމެން ދެކޮޅު ހަދާފާނެޔޭ! އެހެންވެގެން އަހަރެން މިހުރިހާ ވާހަކަތަކެއް މި ދެއްކީ! އެއްވެސް ޙާލެއްގައި މަންމަމެން ދެރަކުރާކަށް ނޫން.."
ފާއިޒާމެންގެ މޫނުމަތިން ހާމަވެގެންދިޔަ މާޔޫސްކަންފެނި، ޖާވިދް ދެރަވިއެވެ. އޭނާގެ ސަބަބުން އެމީހުން ދެރަވާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ބޭނުންވަނީ މަންމައާއި ބައްޕައަށް އޭނާގެ ހިތުގެ ނިޔަތް އޮޅުން ފިލުވައި ދޭށެވެ. ޖާވިދްގެ ވާހަކަތައް އަޑުއެހުމަށްފަހު ޝާކިރު ބޯޖަހާލަމުން ހިނިތުންވެލިއެވެ. އޭރު ޔަޝްމީވެސް އައިސް ވަދެއްޖެއެވެ. މަންމަމެން މާ ސީރިއަސް ވާހަކައެއްގައި ތިބިހެން ހީވެގެން ޔަޝްމީވެސް ގޭތެރެއަށް ނުގޮސް ފުރަތަމަ ދިޔައީ ގަސްދޮށަށެވެ.
" ކަމެއް ވީތަ؟ މަންމަމެން ހާދަ ދެރަވެފައި ތިބިހެން ހީވެޔޭ!" ޔަޝްމީ އެހެން ބުނުމުން ފާއިޒާ ގަދަކަމުން ހީލަމުން ބޯ ހޫރާލިއެވެ.
" ދަރިފުޅުމެންނޭ! ދެދަރިންގެ ހާޟިރުގައި ބައްޕަ މިވާހަކަތައް މި ދައްކަނީ! ދަރިފުޅުމެން ލިބުނީއްސުރެން ބައްޕައަކީ ތިޔަ ދެކުދިންނަށްޓަކައި ރެޔާއިދުވާލު ކެނޑިނޭޅި ފައިސާ ހޯދަން، ބުރަކޮށް މަސައްކަތްކުރި މީހަކީން. ދުވަހަކުވެސް ދަރަންޏަކަށް އެއްޗެއް ނަގައިގެން ކާންދީފައެއް ނޯންނާނެ! ދަރިފުޅުމެން ބޮޑެތި ވެގެން މީހުންނާ އިނަސް، މައިންބަފައިންނަކަށް ދުވަހަކުވެސް ދަރިން ބޮޑެއްޗެއް ނުވާނެ! ދަރިންނަށް ނުބައި ނަޞޭޙަތެއްވެސް ނުދޭނެ! އަބަދުވެސް ވިސްނޭނީ ދަރިންގެ އުފަލަށްޓަކައި. ދަރިންގެ މުސްތަޤްބަލަށްޓަކައި.."
ޖާވިދާއި ޔަޝްމީއަށް ބަލަހައްޓައިގެން އިނދެ ޝާކިރު ވާހަކަ ދެއްކަމުން ދިޔައެވެ. ބައްޕަ މިއަދު އެފަދަ މައުޟޫއަކަށް ވާހަކަ ދައްކާތީ ޔަޝްމީގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އެހާ ދެރަވެ އިނދެ، ދުވަހަކުވެސް ބައްޕަ މީގެ ކުރިން އެފަދަ ވާހަކަތަކެއް ދައްކާފައެއްވެސް ނުވެއެވެ. އެހެންކަމުން ކޮންމެވެސް ކަމެއް ވެއްޖެކަން ޔަޝްމީއަށް ޔަޤީންކުރެވުނެވެ. ނަމަވެސް ދޮންބެ، ޖާވިދު ބުނާ އެއްޗެއް ބަލަން އޭނާ މަޑުމަޑުން އިނީއެވެ. އޭނާ އައުމުގެ ކުރިން ވީކަމެއް ވެފައި އެއޮތީ ބައްޕައާއި ދޮންބެއާ ދެމެދުގައިކަން އޭނާއަށް ވިސްނުނެވެ.
" ބައްޕާ! އަހަންނަށް ތިހުރިހާ އެއްޗެއްވެސް އެނގެޔޭ! ބައްޕަމެންނަކީ މި ރަށުގެ އެހެން މީހުންނަށް ބެލިޔަސް، ދަރިންނަށްޓަކައި ފިދާވާ ބައެއް! އަހަރެން ދުވަހަކުވެސް ބައްޕަމެންގެ ހެޔޮކަން ހަނދާން ނައްތައެއްނުލާނަން.. " ބައްޕަ ހިތުގައި ޖައްސަން އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ޖާވިދު ބޭނުމެއް ނުވިއެވެ. އޭރުވެސް ޔަޝްމީއިނީ ފަހަރަކު މީހެއްގެ މޫނަށް ބަލައިލަ ބަލައިލައެވެ.
" ބައްޕަ މިވާހަކަތައް ހަނދާންކޮށްދިނުމަކުން ދަރިފުޅުގެ ނިންމުން ބަދަލު ކުރާކަށް ނުޖެހޭނެ! ދަރިފުޅު ދެއްކި ވާހަކަ ތަކަކީވެސް ބައްޕައަށް ވިސްނޭގޮތުގައި ވަރަށް ރަނގަޅު ވާހަކަތަކެއް! ޝަހާނާގެ މައިންބަފައިން ރުހެންޏާ ތިކައިވެނި ކުރުމަކަށް އަހަރެމެން ދެކޮޅެއް ނަހަދާނަން.. މަންމަ ކީކޭ ބުނަނީ މިކަމާ؟"
ޝާކިރު ހިނިތުން ވެލަމުން ފާއިޒާއަށް ބަލައިލިއެވެ. ޝާކިރުގެ ނިންމުމަށް އިޙްތިރާމް ކުރުމުގެ ގޮތުން ފާއިޒާވެސް ހިނިތުންވެލިއެވެ.
" އޯހް! ދޮންބެ މެރީ ކުރަނީތަ؟ ޝަހާއްތަ؟ އޯހް.. ނުވެސް އެނގޭ! " ޔަޝްމީ އަތުގައި އޮތް ގަލަމުން ޖާވިދުގެ އަތުގައި ކުރަހާލިއެވެ. އޭރު ޖާވިދު ހުރީ ނުހަނު އުފާވެފައެވެ.
" މަންމައާއި ބައްޕަ ނުޤަބޫލުވީނަމަ ދޮންބެ ކިހިނެއް ހަދާނީ؟ " ޔަޝްމީ އެހެން ބުނެލީ ހެމުން ހެމުންނެވެ.
" ޤަބޫލުވާނެކަން ދޮންބެއަށް އެނގެޔޭ!" ޔަޝްމީގެ އަތުގައި އޮތް ގަލަން އަތުލުމަށްފަހު ބޮލުގައި ޖަހާލަމުން ޖާވިދް ބުންޏެވެ.
" މަންމައާއި ބައްޕަގެ ހިތް ދެރަކޮށްފައި އެއްވެސް ކަމެއް އަހަންނެއް ނުކުރާނަން. ބައްޕަ އެބުނީ ހަމަ ތެދެއް! ބައްޕަމެން ދަރިންނަށް ދެރަގޮތެއް ވާކަށް ނޭދޭނެ! ބައްޕަމެން ނިންމާ ކޮންމެ ނިންމުމަކީ ހަމަ އެންމެ ރަނގަޅު ނިންމުން.. އަހަރެން އަބަދުވެސް މައިންބަފައިންނަށް އިޙްތިރާމް ކުރާނަން. " ޔަޝްމީގެ ވާހަކަތައް އިވިފައި ފާއިޒާއާއި ޝާކިރުގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ.
****
ޖެހިގެން އައި ދުވަހެވެ. ޖާޥިދް އިނީ އޮފީހުގައެވެ. އޭނާއަކީ ރަށު އޮފީހުގެ ފައިނޭންސް ސެކްޝަނުގެ އިސްވެރިޔާއެވެ. އެހެންކަމުން ކުރާ ކޮންމެ ކަމެއްވެސް އޭނާ އަދާކުރަނީ ނުހަނު ފަރުވާތެރިކަމާއިއެކުއެވެ. އޮފީހުގައި މިއަދު ތަންކޮޅެއް ބުރަކޮށް އުޅެން ޖެހުމުން އޮފީހުން ނިކުމެވުނު އިރު ހުރީ ފަހެއްވެސް ޖަހާފައެވެ. އެހެންކަމުން ފަޔަށް ބާރުލައިފައި އޭނާ ގެއާއި ދިމާލަށް ހިނގައިގަތެވެ.
" ޖާވިދް! އޭ! " ފަހަތުން އިވުނު ޝަހާނާގެ އަޑަށް ސިހިފައި ޖާވިދް ބަލައިލިއެވެ. އޭރު ދުވަމުން ކަހަލަ ގޮތަކަށް އައިސް ޝަހާނާ އޭނާއާއި އަރާ ހަމަކުރަނީއެވެ.
" ކޮން ކޮތަޅެއް؟ " އޭނާގެ އަތުގައި އޮތް ކޮތަޅަށް ބަލައިލަމުން ޖާވިދް ސުވާލުކުރިއެވެ. ނަމަވެސް ޝަހާނާގެ މޫނުމަތިން އޭރު ފެންނަމުންދިޔައީ ހިތްހަމަ ނުޖެހުމެވެ.
" މިއީ މިއަދު މަންމަ ސާގުފަނި ކައްކަން ވެގެން ސާގުކޮޅެއް ގަނެގެން މިދަނީ! ރޭގައި އަންނާނަމޭ ބުނެފަ ކީއްވެ ނައީ؟ ބޭރު ޖޯލީގައި އަހަރެން ހާދަ އިރެއް ވަންދެން އޮތީމޭ! " ޝަހާނާ އެހެން ބުނުމުން ޖާވިދް ބޯ ކަހާލިއެވެ.
" ދެތިންމަސް ފަހުން އޮފީހަށް އޮޑިޓް ޓީމް އަންނާތީވެ ވަރަށް ބުރަކޮށް މި މަސައްކަތްކުރަނީ! އަހަރެން އޮފީހަށް ދިޔައީ ތިގޭ މަގުން. އޭރަކު ނެތް ޝަހާއެއް.. ދެން އެކަމާ ރުޅިނައިސްބަލަ! އެއަށްވުރެ މާ އުފާވެރި ވާހަކައެއް އެބައޮތޭ! "
ހެވިލާފައި ޖާވިދް އެހެން ބުނުމާއެކު ޝަހާނާއަށް ހިނިތުން ވެލެވުނެވެ. އޭރު އެދެމީހުންނަށް ތިބެވުނީ ޖާވިދްގެ ގެހުންނަ މަގުގައެެވެ.
" އަހަރެންގެ މަންމަމެން ބުނީ ޝަހާގެ މަންމަމެން ޤަބޫލިއްޔާ ކައިވެނި ކުރަން ރުހެމޯ! " ޖާވިދްގެ ޖުމްލައިން ޝަހާނާއަށް އުފަލުން ފުންމައިގަނެވުނެވެ.
" އަޅެ އަސްލުތަ؟ ދެން ހިނގާބަލަ އަވަހަށް މެރީ ކުރަން.. ކީއްވެތަ ލަސްކުރަނީ؟" ޝަހާނާ ހީވަނީ ލައިނުގަނެގެން އުޅޭހެންނެވެ. އޭނާ އަވަސް އަރުވާލައިގެން ވާހަކަ ދައްކަން ފެށުމުން ޖާވިދް ލާނެތް ފާޑަކަށް ހިނިގަނޑެއް ޖަހާލިއެވެ.
" އަހަރެންގެ މަންމަމެންނަށް އަސްލު ޝަހާއެއް އެހާ ބޮޑަކަށް ނޭނގޭ! އެހެންވީމަ އަހަރެމެންގެއަށް އަދި އަންނަންވާނީ! "
" ދެން ކޮންއިރަކުންތަ އަހަރެން ތިގެއަށް ގެންދާނީ؟ މިރޭ އަންނަންތަ؟ " ޝަހާނާ ބުނެލީ އުފާވެރި ރާގެއްގައެވެ.
" ގެއަށް ގޮސް ފުރަތަމަ ޝަހާގެ މަންމައޯކޭ ކުރޭ! އޭރުން އަހަރެން މިރޭ ގޮސް އަންނާނީ ޝަހާ ގޮވައިގެން.." ޖާވިދް އެހެން ބުނުމުން ޝަހާނާ އުފަލުން ދެކޮނޑު މައްޗަށް ހިއްލާލުމަށްފަހު ދެލޯމަރާ ފިއްތާލިއެވެ.
" އޭ ދެން ދަނީ އިނގޭ! މަންމަ ހުންނާނެ ވަރަށް ލަސްވެފަ! " ޝަހާނާ ދުރަށް ދުއްވައިގަންނަމުން ބުނެލިއެވެ. އަތުގެ އިޝާރާތުން ޖާވިދް ޓާޓާ ކިޔާލުމަށްފަހު ގެއާއިދިމާލަށް ހިނގައިގަތެވެ.
ގޭ ދޮރުމަތީގައި ހުއްޓި ހުރި ވަދީފާ، މާދުރުން ޝަހާނާއަށް ފެނުނެވެ. އެހެންކަމުން އޭނާ ކޮންމެވެސް ވަރަކަށް ބިރުގަތެވެ.
" މީހަކު ބުނި ޝާކިރުގޭ ޖާވިދާ މަންޖެ ހީހީފައި ވާހަކަ ދައްކަން ހުރި ވާހަކަ" ޝަހާނާ ފެނުމާއިއެކު ވަދީފާގެ ފުރަތަމަ ޖުމްލަ އިއްވާލިއެވެ. އެއާއިއެކު ޝަހާނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
" އެމީހާ މަށަކަށް ދޮގެއް ނަހަދާނެ! އެސޮރާ ހީހީފައި ވާހަކަ ދައްކަން ތިހުރީ އެއީ މަންޖެ ދަންނަ ސޮރެއްތަ؟ " ޝަހާނާގެ އަތުގައި އޮތް ކޮތަޅު ނަގަމުން ވަދީފާ މިފަހަރު ބުނެލީ މަލާމާތުގެ ރާގަކަށެވެ.
" ވާހަކަ ފަތުރާ މީހުންވެސް އަވަހޭ! އެހާ އަވަހަށް ތަބަކަށް ލައިގެން އެވާހަކަ ގެނައީ؟" ބިރުން ގޮސް ޝަހާނާ ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ. އެހެންކަމުން އޭނާ މިސްރާބުޖެހީ ގޭތެރެއަށް ވަންނާށެވެ.
" އޭ މިހާރު ކޮންތާކަށް ތިދަނީ؟ މުޙިއްމީ ވާހަކަ ފަތުރާ މީހާގެ ވާހަކަ އަނެއްކާ ދެއްކުމެއްނޫނޭ! ކަމެއް ނުވަނީހެއް ނުދައްކާނެ! ދެންވެސް ބުނެބަލަ މަންޖެ އުޅެނީ އެސޮރާ ހިތާވެގެންތަ؟ " މަންމަގެ ސުވާލުން ޝަހާނާއަށް ދުލުގައި ދައިގަނެވުނެވެ.
" އާނ! މަންމައަށް ކަމަކު ނުދޭތަ؟ " ޝަހާނާގެ ސުވާލުން ދުށިމަތީގައި ހުރި މަސްތަކުން ކަށި ނަގަން ހުރެ ވަދީފާ ޝަހާނާއަށް ބަލައިލިއެވެ.
" އަހަންނަށް ކަމުދިޔަޔަސް ނުދިޔަޔަސް ޝަހާނާވެސް ދެން މީހަކާ އިންނަން ވެއްޖެޔޭ! އަހަންނަށް ހެޔޮ ކޮންމެ މީހަކާ އިނަސް.. މަންޖެ ބޭނުންވާ އަގުބޮޑެތި އެއްޗެއްސެއް މަށަކަށް ހޯދައެއް ނުދެވޭނެ! ގައިމުވެސް މީހަކާ އިނީމަ އެ ޒުވާބުގަނޑެއް މަށަކާ ނުކުރާނެއެއްނު.." ވަދީފާގެ ވާހަކަ ހުރިގޮތުން ޝަހާނާ ގާތަށް އައީ ރުޅިއެވެ.
" އަހަންނަށް ޚަރަދު ކުރަންޖެހޭތީ ބޮޑުވެގެންދޯ އަވަހަށް އަހަރެން މީހަކާ ދެވަން ތިއުޅެނީ؟ "
" ރީއްޗެއްނު! ދެން ތިހެން ކިޔާ އެންމެން ގާތު! ޝަހާނާ ބޭނުންވާ ފެންވަރުގައި ގެންގުޅޭނެ މީހަކު ހޯދައިގެން އިނީމަ އެ ނިމުނީއެއްނު! ޖާވިދަކީވެސް ވަޒީފާގައި އުޅޭ ސޮރެއް ނޫންތަ؟ ދެން ކީކޭތަ މަ ބުނަންވީ ތިކަމާ؟" ވަދީފާ މިފަހަރު ޝަހާނާއަށް ބަލައިލިއެވެ.
" ތިއަށްވުރެ ރީތިކޮށްވެސް ތިކަމަށް ރުހުން ދެވިދާނެދޯ! މާ ބޭކާރު ވާހަކަތަކެއް ދައްކާ އެމަންޖެ ދެރަކޮށްލެވޭތޯ ވަދީފާ ބަލާނީ! " ބޭރުގައި އަޑުއަހަން ހުރި ތަޢުފީޤް އައިސް ބަދިގެ ދޮރުމަތީގައި މަޑުކޮށްލަމުން ބުންޏެވެ.
" މިއަދު މިސްކިތުން ދިމާވެގެން ޝާކިރު އެވާހަކަ ބައްޕަ ގާތު ދައްކައިފި! މަންމަ ބުރަކޮށް އުޅޭތީ އަދި ނުބުނެވިގެން މިއުޅެނީ! ބައްޕަމެން ތިކައިވެންޏަށް ވަރަށް ރުހެން.."
ޝަހާނާގެ ބޮލުގައި ލޯތްބާއިއެކު ފިރުމާލަމުން ތަޢުފީޤް ބުނެލިއެވެ.
" ދެން ތިޔަ ވީނު! އަހަރެންވެސް ނުބުނަމޭ ނުޤަބޫލު ވާހަކައެއް.. ރަނގަޅު އާއިލާއެއް ވިއްޔާ ކިތަންމެހާވެސް ރަނގަޅު.." ވަދީފާވެސް މިފަހަރު ހުރީ މައިތިރިވެފައެވެ.
****
މާގިނަ ދުވަސްތަކެއް ނުވެ ޖާވިދާއި ޝަހާނާގެ ކައިވެނި ކުރެވުނެވެ. ކޯޓުން ކައިވެނި ކުރި ގޮތަށް ޝަހާނާ ދިޔައީ ޖާވިދްގެ ގެއަށެވެ. އޭރު ކައިރި އަވައްޓެރިންނަށް ޖާވިދްގެ މަައިންބަފައިން އޮތީ ޖާފަތެއް ތައްުޔާރުކޮށްފައެވެ. ގޯތިތެރޭގައި މީހުން ހޭލަމޭލަވެ އުޅޭތަން ފެނުނެވެ. ނަމަވެސް އެތަނަށް ނުގޮސް ޝަހާނާ ދިޔައީ ޖާވިދާއިއެކު ޖާވިދްގެ ކޮޓަރިއަށެވެ. މިއަދަކީ ޖާވިދްގެ ކޮޓަރިއަށް ޝަހާނާ ވަތް، ފުރަތަމަ ދުވަހެވެ. އެތެރެއަށް ވަތް ގޮތަށް އޭނާއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ކޮޓަރިއަކީ އެހާ ބޮޑު ކޮޓަރިއެއް ނޫނެވެ. ފާރުގައި ސިމެންތި ޖަހާފައި ހުރި ނަމަވެސް ކުލައެއް ނުލައެވެ. ތަޅުންގަނޑު ފޮރުވާލައިފައިވަނީ ނުލާއި ހުދުކުލައިން ޑިޒައިންކޮށްފައިވާ ތަރަފާއްޔަކުންނެވެ. ފުރާޅުދަށުގައި ހުރި ވަކަރެއްގައި އެލުވާފައިވާ ފަންކާ ނުހަނު ބާރަށް އެނބުރެމުން ދިޔައެވެ. ކޮޓަރީގެ ކަނެއްގައި ސިންގަލް އެނދެއް ހުއްޓެވެ. އޭގެ އިތުރުން ކުޑަ މޭޒަކާއި ޒިބުއަލަމާރިއެއްވެސް ހުއްޓެވެ.
" ކަމުދޭތަ؟ މާ އަވަހަށް ކައިވެނި ކުރަން އުޅެގެން އަހަންނަށް ކޮޓަރި ނިންމާ ނުލެވުނީ! ފާޚާނާގެއެއް ހަދާފައި، ތަރަފާލި އެޅުނީ ހަމަ ކިރިޔާ! ފާރުގައި ލާނެ ކުލަ ގަންނާނަން އަންނަ މަހު." ޝަހާނާގެ ކޮނޑަށް އަތްވައްޓާލަމުން ޖާވިދް ބުނެލިއެވެ. އެއާއިއެކު ޖާވިދް ގެ އަތް ނައްޓުވާލުމަށްފަހު އޭނާ ދުރަށް ޖެހިލިއެވެ.
" ސަރުކާރު ވަޒީފާއެއްގައި އުޅޭތީ އަހަރެން ހީކުރީ ޖާވިދް ވަރަށް ފައިސާ ރައްކާކުރާނެކަމަށް! " ޝަހާނާގެ ޖުމްލައިން ޖާވިދް މާޔޫސްވިއެވެ. ނަމަވެސް އޭނާ މަސައްކަތްކުރީ ޝަހާނާއަށް ވިސްނައިދިނުމަށެވެ.
" ސޭވް ކުރީމައެއްނޫންތަ މިވަރުވެސް މިވީ! މެހެމާނެއް ގެއަށް އަޔަސް ބަހައްޓާލާނެ ފަދަ ކޮޓަރިއެއް ނެތީމަ އަދި އިތުރު އެއްކޮޓަރިވެސް އަހަރެން ހެދިން.. "ޖާވިދް މަޑުމަޑުން ގޮސް ޝަހާނާގެ އަތުގައި ހިފާލިއެވެ.
" އަދި ވަރަށް އަގުބޮޑު އެއްޗެއްވެސް ގަތިން.. ޝަހާއަށް..." ޝަހާނާއާއި ގާތްވެލަމުން ޖާވިދް ބުންޏެވެ.
" ހާނ..؟ މަށަށް؟ ކޯއްޗެއް؟ އަޅެ އަޅެ ދައްކަބަލަ!" ކެތްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް ޝަހާނާ، ޖާވިދްގެ ބުރަކަށީގައި ޖަހާލިއެވެ. އެއާއިއެކު ޖާވިދް އޭނާގެ ފަޓްލޫންގެ ޖީބަށް އަތްކޮއްޕާލުމަށްފަހު އަނގޮއްޓިއެއް ނަގާ ދިއްކޮށްލިއެވެ.
" ރިހިތަ؟ " ގަޔާނުވާ ފަދަ ގޮތަކަށް ޝަހާނާ އެހެން ބުނުމުން ޖާވިދްގެ ތުންފަތް މައްޗަށް ވެރިވެފައިވާ ހިނިތުންވުން ވަގުތުން ގެއްލުނެވެ.
" ނެތްތަ ރަން އޮނގޮއްޓިއެއް؟ ޖާވިދަށްވެސް އެނގެއެއްނު އަހަރެންގެ މި ދޮން އިނގިލިތަކަށް ރިއްސެއް ނުގުޅޭނެކަން..."
ޝަހާނާގެ ދެވަނަ ޖުމްލައިން ޖާވިދްގެ ހިތްމަރާލިއެވެ. ޝަހާނާދެކެ އޭނާ އިންތިހާ ދަރަޖައަށް ލޯބިވެއެވެ. ޝަހާނާ އޭނާގެ އަތުން ބީވެދާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ. ޝަހާނާއަކީ އޭނާގެ ފުރަތަމަ ލޯތްބަށްވެފައި އޭނާއަށްވުރެ ރީތި އިންސާނެއް ޖާވިދްގެ ލޮލަކަށް ފެނިފައެއްވެސް ނުވެއެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (3)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!