ފެހިކަންގަދަ، ފަތްބޯ ގަސްތަކުން މަލަމަތީގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އިރުވައި މޫސުމުގެ މަޑު ދުވަހެއްކަމުން ރާޅުވެސް އޭގެ ދައުރު އަދާކުރަމުންދަނީ ނުހަނު ކަންނެތްކަމާއިއެކުއެވެ. ދިޔަވަރު ހިކިފައި އޮތުމުގެ ސަބަބުން ގޮނޑުދޮށުގައި އޮތް އާނުގަނޑުވެސް އޮތީ ހިކިފައެވެ. މޫދުގައި އުޅޭ ކުދިކުދި މަސްތަކަށް ބަލަން އިން މާކަނާ އުދުހިގަތީ، ދޮންވެލިގަނޑުމަތީގައި އިން ޝަހާނާ އެއްލި ގާކޮޅުގޮސް އެސޮރު ގައިގައި ޖެހުމުންނެވެ.

ޝަހާނާގެ މޫނުމަތިން އޭރުވެސް ފެންނަމުންދިޔައީ ފޫހިކަމުގެ އަސަރުތަކެވެ. އަތުކުރީގައި އޮތް ކަޅު ކަމަރުލީ ގަޑިއަށް ބަލައިލިއިރު ގަޑިން ހައެއް ޖަހަނީއެވެ. އޭރު އުޑުމަތީގައިވެސް ރަތްދަޅަ ޖަހަން ފަށައިފިއެވެ. އެހެންކަމުން މަޑުމަޑުން ތެދުވެ، ހެދުމުން ވެލި ފޮޅާލުމަށްފަހު ވެލިން ފުރިފައި އޮތް ފައިވާނަށް ފައި ކޮއްޕާލިއެވެ.

Ad
rt

" އޭ ދަނީތަ؟ ސޮރީ ޝަހާ! ލަސްވީއޭ!"

ޖާވިދު އައިސް ވެލިގަނޑުމައްޗަށް ޖެހިގަތެވެ. އޭރު އޭނާ ހުރީ ތެމިފޯވެފައެވެ.

" ވަރަށް ގަދައަށް ކުޅެލިން މިއަދު! ދުވަމުން ދުވަމުން މިއައީ ޝަހާ މިތަނަށް އަންނާނެތީ.." އަނެއްކާވެސް ވާހަކަ ދެއްކީ ޖާވިދެވެ. ނަމަވެސް އައިސްފައި ހުރި ރުޅިން ޖާވިދްގެ ވާހަކަތަކަށް ސަމާލުކަން ދިނުމެއްނެތި ޝަހާނާ ހިނގައިގަތީއެވެ.

" އޭ ދެން! ތިހާ ވަރަށް ރުޅި އަންނާކަށް ނުވާނެ.. މިއަދު ޓީމް އެންމެން ހަމަވި ދުވަހެއްވީމަ ގިނައިރު ކުޅެން ތިބެވުނީއޭ!"

ޝަހާނާގެ ފަހަތުން ދުވަމުން ދުވަމުން އައިސް ޖާވިދު ބުންޏެވެ.

" ޖާވިދްއަށް އަހަރެން މުޙިއްމެއް ނުވާނެ! އަބަދުވެސް ފުޓްބޯޅަޔާ ރައްޓެހިން.. ނާދެވެންޏާ ދެން ކީއްކުރަންތަ އަހަރެންގާތު މިތަނަށް އަންނާށޭ ބުނީ؟ މަންމައަށް ފިލައިގެން އެހާ ވަރުން މި އާދެވެނީ!"

ޝަހާނާ ހުއްޓުނެވެ. އެއާއެކު އުނަގަނޑުގައި އަތް ވިދެލުމަށްފަހު ބޯ ކަހާލަމުން ޖާވިދް ބުންޏެވެ.

" ނުފެނި މާ ގިނަ ދުވަސްވާތީ ދެކިލަންވެގެންނޭ އަންނާށޭ ބުނީ! މިއީ ކިހާ ހިތްގައިމު މަންޒިލެއް؟ މިތަނުން ޝަހާ ފެންނަގޮތްވެސް އަހަންނަށް ވަރަށް ނަލަ!."

ގޮނޑުދޮށަށް އިޝާރާތް ކުރަމުން ޖާވިދް ބުނެލިއެވެ. އެއާއިއެކު ޝަހާނާ ހީލިއެވެ.

" މިހެން އުޅެވިދާނެ ކިތަންމެ ދުވަހެއް ވަންދެންވެސް.. އެންމެންނަށް ސިއްރުން އަބަދަކު ނޫޅެވޭނެއެއްނު! ދެން ކޮންއިރަކުންތަ އަހަރެމެން މެރީ ކުރާނީ؟" ބައްދަލްވާ ކޮންމެ ފަހަރަކު ޝަހާނާ އެސުވާލު ކުރެއެވެ. ނަމަވެސް އެސުވާލަށް ޖާވިދަށް ދެވެނީ ހަމަ އެއް ޖަވާބެކެވެ.

" މަގޭ ކޮއްކޮ މިއަހަރު ކިޔަވާ ނިމޭނޭ! ކިތައް ފަހަރު ބުނެފިން އޭނަ ނިމުނީމައޭ! ދެން ޝަހާވެސް ވެއްޖެއެއްނު އަހަރެން ބުނީމަ ޤަބޫލުކުރަން.." ޖާވިދު ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއިއެކު ޝަހާނާ ޖާވިދުގެ އަތުގެ މުލައްދަނޑީގައި ހިފާލުމަށްފަހު އޭނާގެ ގައިގައި ޖެހިލިއެވެ.

" އެނގެޔޭ ލޯބީ! އެކަން އެނގިހުރެވެސް ހަމަ އަހާލެވެނީ މެރީ ކުރާ ހިތުން.. އޭރުން ނުޖެހޭނެ އެއްނު މިހެން އުޅޭކަށް! އެތަން މިތަނުގައި މީޓް ކުރަން ޖެހުމަކީވެސް ކިހާ އުނދަގޫ ކަމެއްތަ؟" ޝަހާނާ ބުންޏެވެ.

" ދެން އެދުވަސް އެހާ ދުރަކު ނެތޭ މަގޭ ދޫންޏާ! އަހަރެން ހަމަ މިރޭ މަންމައާއި ވާހަކަ ދައްކާނަން.. " ޖާވިދް ޝަހާނާގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.

" ހަމަ އަސްލުތަ؟ އާނ ދެން މިހާރު ކޮއްކޮވެސް މިއަހަރު ކިޔަވާ ނިމޭނެއެއްނު.. ބުނޭ ވަރަށް އަވަހަށް އިންނަން ބޭނުމޭ.."

" ހޫމް ދެން އަހަންނަށް އެނގޭނީ ދައްކަންޖެހޭ ވާހަކަ.. މާގިނަ ވާހަކަ ދައްކައިގެން މަންމަމެން ނުޤަބޫލުވެދާނެ.." ހިނިގަނޑެއް ޖަހާލަމުން ޖާވިދް ބުނެލިއެވެ.

" އޯކޭ ޖާވިދް ބޭނުންވާ ގޮތެއް! ޖާވިދްގެ މަންމަމެން ބުނާ އެއްޗަކުން އަހަރެން މަންމައާ ވާހަކަ ދައްކާނަން.. އޭ ދެން ހިނގާ ދާން. ހާދަ އަނދިރިވެއްޖޭ! "

ވަށައިގެން ނަޒަރު ހިންގާލަމުން ޝަހާނާ ހިނގުން ބާރުކޮށްލިއެވެ.

****

ފަންކަލުގެ ބޫން އަޑު ފިޔަވައި ކޮޓަރި ތެރެއިން އިތުރު އެއްވެސް އަޑެއް ނީވެއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރޭގައި އިނދެ ޔަޝްމީ އެންމެ ފަހު ޓެސްޓަށް ފިލާވަޅުތައް މުޠާލިއާ ކުރަމުންދެއެވެ. މިހާރު އެނޫން އިތުރު އެއްވެސް ކަމަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. ކޮޓަރީގެ ކަނެއްގައި ހުރި އާދައިގެ މޭޒެއްގައި އެހުރީ މުޅިންވެސް އޭނާ ކިޔަވަން ގެންގުޅޭ ސާމާނެވެ. މޭޒާއި ޖެހިގެން ހުރި ޒިބު އަލަމާރީގައިވެސް އަންނައުނުގެ އިތުރުން އޭނާ ރައްކާކުރާ ފޮތްތައް ނުހަނު ގިނައެވެ. ތަފާތު އެކިއެކި މަޢުލޫމާތު ލިބޭ ފޮތް އެއްކުރުމަކީ އޭނާގެ ހޮބީއެއްވެސް މެއެވެ.

" ޕޮއް! " ޔަޝްމީ ސިހުނީ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޖާވިދް އޭނާ ސިއްސާލުމުންނެވެ.

" ދެން ދޮންބޭ! ތިހެން ހަދާކަށް ނުވާނެއެއްނު! އަހަރެން މިއިނީ ވަރަށް އުނދަގޫ ފިލާވަޅެއް ދަސްކުރަން ވިއްޔަ!" ސިހުނުލެއް ބޮޑުކަމުން ޔަޝްމީއަށް ހިތްހަމަ ނުޖެހެވުނެވެ. އެހެންކަމުން އޭނާގެ ރާގުގައިވެސް ހުރީ ނުރުހުމުގެ އަސަރުތަކެވެ.

" ކޮއްކޮ ޓެސްޓަށް ދަސްކުރަނީ ކަމެއް ނޭނގެޔޭ ދޮންބެއަކަށް! އެންމެ ރަނގަޅޭ މާދަމާ ޖޫގޯއެއް ގެނެސްދޭނަން.. މިހާރު ހިތަށް ފިނިކަމެއް ލިބިއްޖެތަ؟" ޖާވިދް ހީލަމުން އެހިއެވެ. އެއާއިއެކު ޔަޝްމީގެ ހުދުހުދު މޫނު ރަތްވެގެން ދިޔައީ އޭނާ ހިނިތުންވީވަރުންނެވެ.

" ޖޫގޯއޭ ބުންޏަސް ފިނިވޭ! ހާދަ މީރު އެއްޗެކޭ އެއީ" ޔަޝްމީ އުފާވެރި ރާގެއްގައި ވާހަކަ ދެއްކުމުން ޖާވިދް ހިތްހަމަ ޖެހުނެވެ.

" ދެން ދަސްކޮށްލާ ދަސްކޮށްލާ! ދޮންބެ މިދަނީ މިސްކިތަށް.. މަންމަ ގާތު ބުނައްޗޭ ދޮންބެ އަންނަން ވާއިރަށް ކާން ހަދާލައްޗޭ! މަންމައާ ދައްކަންޖެހޭ ވާހަކައެއް އެބައޮތޭ."

ޖާވިދް އެހެން ބުނުމުން ޔަޝްމީވެސް ބޭނުންވީ އެވާހަކައެއް އޮޅުންފިލުވާށެވެ.

" އެއީ މަންމައާ އެކަނި ދައްކަންޖެހޭ ވާހަކައެއް. ފަހުން އެނގޭނެ... ހަނދާންކޮށް ބުނާތި! އެހެން ނޫނީ މަންމަ ގެއަކު ނުހުންނާނެ!"

ޖާވިދް އެހެން ބުނުމަށްފަހު ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

***

ފަންކާ އެންމެ ބާރުކޮށްގެންވެސް ހޫނުވާވަރުން ޝަހާނާ ނިކުތީ ސިޓިންގރޫމަށެވެ. އޭރު ސިޓިންގރޫމްގެ އެއްފަރާތުގައި ހުރި އެނދެއްގައި ނިދިފައި ބައްޕަ އޮތެވެ. ޓީވީ އަޅުވައިގެން އިންގޮތަށް ސަރަންފީ ގޮނޑީގައި ނިދިފައި މަންމަވެސް އިނެވެ. ޝަހާނާ އަވަސް އަވަހަށް ޓީވީ ނިއްވާލިއެވެ. އެއާއިއެކު އޭނާގެ މަންމަ ވަދީފާއަށް ހޭލެވިއްޖެއެވެ.

" ކީއްކުރަނީ މިތާ؟ ނިދަން ވަދޭ!" ތަންކޮޅެއް ރުންކުރު ގޮތަކަށް ވަދީފާ އެހެން ބުނުމުން ޝަހާނާގާތަށް އައީ ރުޅިއެވެ.
" ނިދަން ވަނަސް ނިދެނީކީ ނޫން ހޫނު އަރާވަރުން. މިހާރު ބައްޕަގާތުވެސް ކިތަންމެ ފަހަރަކު ބުނެވިއްޖެ އަހަރެންގެ ކޮޓަރީގައި އޭސީއެއް އަޅުވައިދޭށޭ!" ޝަހާނާގެ ރުޅިވެރި އަޑަށް ނިދިފައި އޮތް ތައުފީޤަށް ހޭލެވުނެވެ.

" އޭސީއެކޭ؟ އެއީ ހާދަ އަގުބޮޑު އެއްޗެކޭ! އޭސީއެއް ގަނެފަ ކުރިއަށް އޮތް ހަ މަސް ދުވަހު އަހަރެމެންވީ ނުކައިނުބޮއިތަ ތިބެން؟އަހަރެމެންވެސް ތިވަރު ވެގެން މިވަރު ވެފައި މިތިބީ! އަހަރެމެންގެ މަންމަމެންނަށް ނުލިބޭ ފެންވަރަކުން އެއްޗެހި ހޯދާކަށް ނުކިޔަން"

ވަދީފާގެ ވާހަކަތައް އަޑު އިވިފައި، ދެމައިން އެކުރަނީ ކޮން ޒުވާބެއްކަން ތައުފީޤަށް އެނގުނެވެ. އެހެންކަމުން އެއްޗެއް ބުނަން ބޭނުން ނުވާތީ ނިދާކަމަށް ހަދައިގެން އޭނާ އޮތީއެވެ.

" އެއްޗެއް ބުނާއިރަށް ބުނާނެ އަދި އެހެން! ބަލަ މަންމަމެންގެ ޒަމާނާ މިޒަމާން، ހާސްބައި ތަފާތޭ! މިހާރުގެ ކުދިންނަށް އޭސީގައި ނޫނީ ނުނިދޭނެ.. މިރަށު ފިހާރަތައްވެސް މިގެއަށްވުރެ އަރާމު.. އެތަންތަނުގައިވެސް އޭސީ ހުރޭ ވިއްޔަ!"

ޝަހާނާ ހުރީ މަންމައަށް ދޫދޭ ގޮތަކަށް ނޫނެވެ. އެއްޗެހި ކިޔަމުން އޭނާ އިށީނީ ބައްޕަގެ ފައިލާކޮޅުގައެވެ.

" ފަރީދާގޯތި ޝިފާއާ ހަމީދާ ގޯތި ޒާރާވެސް މިހާރު ހުންނަނީ މޫނުގައި ފައުންޑޭޝަން ހާކައިގެން ދޮންވެގެން.. އަހަރެން އަދިވެސް މި ޖަހަނީ އާދައިގެ ފުށެކޭ! މަންމައަށްވެސް އެނގެއެއްނު އެމީހުން އުޅޭހެން އަހަރެންވެސް ރީތިވާން ބޭނުންވާނެކަން"

ޝަހާނާ ދެރަވެލާފައި އެހެން ބުނި ނަމަވެސް ވަދީފާގެ ހިތަކަށް މާބޮޑު އަސަރުތަކެއް ނުކުރިއެވެ. ހައްތަހާ އޭނާގެ ރުޅި ދިޔައީ އިތުރުވެގެންނެވެ.

" މިއަދު ކައްކަން ގަތް ސާމާނު ތަކަށްވެސް އެރި ފަންސާސް ރުފިޔާ! އެއީ ކިހާ ބައިވަރެއް؟ ސަރީފަ ގޯތި ފިހާރައިގައި އަލުވި ކިލޯއެއް ފަނަރަ ރުފިޔާ ބަޔަށް ހުރީ! އެކަަމަކު ދޮންމަނިކު ފިހާރައިގައި ހުރި ފަނަރަ ރުފިޔާއަށް. އެހެންވެ އަހަރެން ކިތަންމެ ދުރަސް ދޮންމަނިކު ފިހާރައަށް ދިޔައީ ހަމަ. ސަރީފަ ޑެލިވަރީ ކުރިޔަސް ހެޔޮ! އެއް ލާރިވެސް އަގުހެޔޮ ތާކުން ވިޔަފާރި ކުރެވޭނީ..އެހެންވެ މެންދުރު ހޫނުއަރާ ގަޑިއެއްކަމަކު އަހަރެން ހިނގާފައި ދިޔައީއޭ! މަގޭ އެކަނި ޚަރަދަށް ބެލިޔަކަސް ނުވާނެއެއްނު." ފޯރީގައި ވަދީފާ ވާހަކަ ނިންމާލިއެވެ.

" ސާބަސް މަންމައަށް.. އެންމެ ބައި ރުފިޔާއަކަށްޓަކައި އެހާ ދުރަށް ތި ދިޔައީ؟ " މަލާމާތުގެ ރާގަކަށް ޝަހާނާ ބުންޏެވެ.

" އާނ! ކީއްތަވީ؟ އެބައިރުފިޔާވެސް އިތުރަށް އޮންނާނެތާ! " މަންމަ އެހެން ބުނުމުން ދެފަރާތަށް ބޯ ހޫރާލަމުން ޝަހާނާ ނިކުތީ ބޭރަށެވެ.

" އޭ ތައުފީޤާ! އޭސީއެއް ލާންވެއްޖެ! މޫނު ދޮންކުރާ ސާމާނު ހޯދަންވެއްޖެ! ތިހެން ނިދަން ނޯވެ ކަލޭ ދޮންފުތު ކޮށްގެން ގެންގުޅޭ މިހިރަ ސިރާނީއަށް ޚަރަދުކުރަން ކޮންމެވެސް މަސައްކަތެއް ފަށާބަލަ! މަށަށް ލިބިފައި އެހުރީ ހިތްމޮޅު އަންހެން ދަރިއެއް! އެހާމެ ކަންނެތް ފިރިއެއް! "

ތަޢުފީޤްގެ ފައިގައި ޖަހާލަމުން ވަދީފާ ބުންޏެވެ. ވަދީފާގެ އަޑަށް ތަޢުފީޤް މިފަހަރު ބޯ ހިއްލާލިއެވެ.

" އެމަންޖެ އެއްޗެއް ބުނާ އިރަށް ވިސްނައި ދިނުމުގެ ބަދަލުގައި ވަދީފާވެސް މާ ހަރުކަށިކޮށް އެހާމެ ރުންކުރުކޮށް ތި ވާހަކަ ދައްކަނީ! ވާހަކަ ދައްކާ ބަހުރުވަވެސް އެހާ ހުތުރު! އެހެންވީމައޭ އެމަންޖެ ކަލެޔާ އެފާޑަށް އެ ވާހަކަ ދައްކަނީ! ދުވަހަކުވެސް މަށާ އެގޮތަކަށް ވާހަކައެއް ނުދައްކާނެ!" ތަޢުފީޤް އެހެން ބުނުމުން ވަދީފާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެހެންކަމުން އޭނާ ފަތިވަރު ދަމަންފެށީ ނުހަނު އަވަހަށެވެ.

" އެހެންނުވާނީ! ކަލޭވިއްޔާ އެމަންޖެއަށް ކައްކާފައި ކާންއަޅަނީ.. ދޮވެ އިސްތިރިކޮށްދެނީ.. ނުވިތާކަށް އެމަންޖެ ބޭނުންވާ ކޮންމެ އެއްޗެއްވެސް މި ހޯދަނީ ހަމަ މި ވަދީފާ ރޯނުވަށައިގެން ދަރުވިއްކައިގެން ހޯދާ ލާރިންނޭ! ކަލެއަށް ކުރެވޭ ކަމެއް އޮވޭތަ؟ އުނަށް ލާން ގެންގުޅޭ މުންޑުގަނޑު ދޮވެލާނެ ކުނޑި އޯމޯ ޕެކެޓެއް ގަނެލާނެވަރުވެސް ކަލެއަކަށް ނުހޯދޭ! މިހާރު މަ ހިތަށް އަރާ ހުތްކުންނާރުގޭ މުހުސިނު އިންނަން އެހި ދުވަހު އާނބަސް ބުނެވުނު ނަމައޭ! ގައިމު މިނޫން ގޮތެއް މަށަށް ދެއްކެވީސް ކަންނޭނގެ!"

ވަދީފާގެ ރުޅިވެރި ޖުމްލަތައް އަޑުއަހަން އިނދެ ތަޢުފީޤް ޖަހާލީ ލާނެތް ހިނިގަނޑެކެވެ.

" ހުތްކުންނާރު ނުކާން ވެގެންނެއްނު ޅަ ފަޅޮލެއް ހޯދީ!" ތަޢުފީޤް ކޮށްލީ މަލާމާތެއްކަން ވަދީފާއަށް އެނގުނެވެ. ތަޢުފީޤަކީ ވަދީފާއަށްވުރެ ޢުމުރުގެ ގޮތުން ދެތިން އަހަރު ހަގު މީހެކެވެ.

" ދެންވެސް ޒުވާބު ނުކޮށް ދޭބަލަ ނިކަން މީރު ކިރުސައިތައްޓެއް ގިރާލަދޭން.." ތަޢުފީޤް ބޭނުންވީ ވަދީފާ ހަމަޖައްސާލާށެވެ. ކިތަންމެ ރުޅި ގަދަވިޔަސް ވަދީފާއަކީ އެރުޅީގައި ގިނަވަގުތު ހުންނަ މީހެއް ނޫނެވެ. ޢުމުރު ތަފާތުވީ ނަމަވެސް ދެމީހުންގެ ކައިވެނި ދެމެހެއްޓުމުގެ އަސްލަކީވެސް އެއީއެވެ.

" ހޫމް.. މިދަނީ! އަންނަންވާއިރަށް ތެލުލި ބަނބުކެޔޮ ޑަބިޔާ މަތި ނަގައިދޭތި!" ބޮޑު ކަތިވަޅި ދިއްކޮށްލަމުން ވަދީފާ ބުންޏެވެ. ތަޢުފީޤް އޭގައި ހިފީ ހެވިފައި އިނދެއެވެ.

***

މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. ފާއިޒާ ހުރީ ގޭ ދޮރުމަތީގައި އޭނާގެ އަންހެން ދަރިފުޅު ޔަޝްމީ އަންނަން ދެނެވެ. ގޯތިތެރޭގައި ހުރި ބިޔަ ބަނބުކެޔޮ ގަސްދޮށުގައި އެލުވާފައިހުރި އުނދޯލީގައި އޭނާގެ ފިރިމީހާ ޝާކިރު އިނީ ދުފާށެވެ.

" ދެން ތިތާ އަވީގައި ނުހުރެ ނިކަން އާދެބަލަ މި އުނދޯއްޔަށް! އެމަންޖެ މިހާރު އަންނާނެއެއްނު!" ރަތްގަދަ އަވީގައި ފާއިޒާ ހުރުމުން ޝާކިރު ގޮވާލިއެވެ. ޝާކިރުގެ އެދުމަށް ފާއިޒާ އައިސް އިށީނީ އުނދޯލީގެ ކުރިމަތީގައި ހުރި ޖޯލީގައެވެ.

" މިއަދު އެންމެ ފަހު ޓެސްޓް! ރޭވެސް ޔަޝްމީ ނުވެސް ނިދާ ހަމަ ކިޔެވީ. ހީވަނީ ރަނގަޅުވާނެހެން." ފާއިޒާ ބުނެލީ ފުން ވިސްނުމެއްގައި އިނދެއެވެ.

" ފާއިޒާގެ ވިސްނުން ހުންނަ ގޮތުން އަހަރެން ވަރަށް އުފާވޭ! އަބަދުވެސް ދަރިންނާއިމެދު ރަނގަޅަށް ވިސްނަންޖެހޭނީ!.. " ފާއިޒާއަށް ދުފާ ތަބަށް ދިއްކޮށްލަމުން ޝާކިރު ބުންޏެވެ. ދުފާހިތް ނުވެފައި ހުރުމުން ފާއިޒާ ބޯހޫރާލިއެވެ.

" ޝާކިރަށް އެނގޭތަ؟ ޖާވިދު ވަރަށް ފާޑެއްގެ ވާހަކައެއް ރޭގައި ދެއްކި" މީހަކަށް އަޑު އިވިދާނެތީ ދެކޮޅު ބަލައިލަމުން ފާއިޒާ ބުނެލީ ވަރަށް މަޑުންނެވެ. އެއާއިއެކު ސުވާލުގެ ނަޒަރަކުން ޝާކިރު ފާއިޒާއަށް ބަލައިލިއެވެ.

" ހޫމް.. މީހަކާ އިންނަން ބޭނުންވާ ވާހަކަ ބުނެފި! އެނގޭތަ ޖާވިދް ވާހަކަ ދައްކަނީ ކާކާކަން؟ " ޖޯލީގައި ނީންދެވިގެން ފާއިޒާ އެރީ ޝާކިރު ގާތަށް އުނދޯއްޔަށެވެ.

" ބަލަ ޖާވިދް އުޅެނީ މީހަކާ ހިތާވެގެންތަ؟ ނުވެސް ދެނަހުރިން..." ޝާކިރުގެ މޫނުމަތިން ނުތަނަވަސްކަން ފެނުމުން ފާއިޒާ ކުޑަކޮށް ހާސްވިއެވެ.

" ނިކަން ސިއްރު ގުޅުމެއްވީމަތާ އަހަރެމެންނަށްވެސް ނޭނގުނީ.. ރަށުތެރޭގައިވެސް އެކަހަލަ ވާހަކައެއް ދައްކާ އަޑެއް ނާހަން ވިއްޔަ! ޖާވިދް ބުނީ އެކުއްޖަކީ... ވަދީފާ ގޯތި ޝަހާނާޔޯ!" ފާއިޒާގެ ޖުމްލައިން ޝާކިރަށް އުނދޯލިވެސް މަޑުޖައްސާލެވުނެވެ.

" ޝަހާނާ؟ ވަދީފާގޭ ޝަހާނާ؟ އޯހް! އެ މަންޖެގެ ގޮތެއް ނޭނގެ! އެކަމަކު ގައިމުވެސް އެ ވަދީފާއަކީ ވަރަށް މުށްބާރު ދަހި މީހެކޭ ބުނާތީ އަހަން.. އަނެއްކޮޅުން ތަޢުފީޤަކީ އަތުންފައިން މަސައްކަތެއް ކުރާ މީހެއްނޫން. ކުރަން އެނގޭވެސް މީހެއް ނޫން.. ވަދީފާވެސް އެހާ މުށްބާރުވަނީ އަސްލު އެހެންވެ! އާނ އޭނަ ހޯދާ ފައިސާ ހުސްވީމަ ހުސްވީތާ.." ޝާކިރު އެހެން ބުނި އަޑު ގޭތެރެއިން ނިކުތް ޖާވިދަށް ރީތިކޮށް އަޑުއިވުނެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (2)

ސިލްސިލާ ވާހަކަ: ޝިކާޔަތު (2)

(ނިމުނީ)