ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް އަވަސް އަވަހަށް އަދި ދިގުކޮށް ބާއްވަން ޔާމީން އެދިއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމް އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ވެސް އިސްތިއުނާފު ކޮށްފައިވާ ހުކުމުގެ މައްސަލައިގެ މިއަދު ދެވަނަ އަޑުއެހުން ހައިކޯޓުގައި ބޭއްވިއިރު މިހާތަނަށް ކުރިއަށް ގެންދެވިފައިވަނީ ޔޫސުފް ނައީމް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅޭ ގޮތުން އޭނާގެ ވަކީލުންނާއި ދައުލަތުން ދައްކަން ހުރި ވާހަކަތައް ދެއްކުމެވެ.
ިމިއަދުގެ އަޑުއެހުމުގައި ޔާމީން އެދިވަޑައިގަތީ ވީހާވެސް ކައިރިކައިރީގައި އަޑުއެހުންތަކެއް ތާވަލު ކުރުމަށެވެ. އަދި, މައްސަލަ އަވަހަށް ނިންމުމަށް ޓަކައި، އަޑުއެހުން ބާއްވާ ދުވަހަކު ވީހާވެސް ދިގުކޮށް ގެންދިޔައަސް އެމަނިކުފާނަށް އެންމެ ރަނގަޅު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް، ތަންކޮޅެއް ވަގުތު ދިގުކޮށް، ތަންކޮޅެއް ފްރީކިއުންޓްކޮށް، ވަގުތު ދިގުލައިގެން ގެންދާ ގޮތަށް، އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް، އެ އިންތިޒާމު ހަމަޖައްސައިދީފިއްޔާ ވަރަށް ބޮޑަށް ޝުކުރުވެރިވާނަން،،" ޔާމީން ވިދާޅުވި އެވެ.
ފަނޑިޔާރު ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ލިޔެކިޔުންތައް ވަރަށް ގިނަ ކަމަށެވެ. އިސްތިއުނާފު ކޮށްފައިވާ ދެ ފަރާތުން ވެސް ޝަރީއަތަށް ހުށަހަޅާފައިވާ ރިޕޯޓުގައި 2،000 ސަފްހާއަށް ވުރެ ގިނައިން ހުރިކަން ފާހަގަ ކުރެއްވި އެވެ.
ޔާމީންގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވާހަކަ ދައްކަވަން ފުރުސަތު ހޯއްދަވާފައި، މަދުވެގެން ހަތަރު ގަޑިއިރުގެ ވަގުތެއް ދުވާލަކަށް ހޭދަކުރެވޭ ގޮތަށް ހަމަޖެއްސެވުމަށް އެދިވަޑައިގަތެވެ.
އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް ވަގުތު ދިގުކޮށް ބާއްވަން ޔާމީން މިއަދު އެދިވަޑައިގަތް އިރު، މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ކައިރިކައިރީ ބާއްވާތީ އިސްތިއުނާފުގެ އަޑުއެހުންތައް ބާއްވަން ހުރަސް އެޅޭ ކަމަށް ވިދާޅުވެ ޝަކުވާ ކުރެއްވި އެވެ.
ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއުގެ އިތުރަށް، ފަނޑީޔާރު ހުޒައިފާ މުހައްމަދާއި، ފަނޑީޔާރު މުހައްމަދު ސަލީމެވެ.
ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
އާރަށު މައްސަލައިގެ ހުކުމް ދެމިއޮތް އިރު، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރ. ފުއްގިރި މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!