ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް އިއްޔެ އާއި މިއަދު ބޭއްވުމަށްފަހު މާދަމާަ ވެސް ބާއްވަން ތާވަލްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާގައި މިއަދު ވަނީ ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުނު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްެދުﷲ ޒިޔަތުގެ ލެޕްޓޮޕް އަދި މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓް ހެދި ފުލުހުންގެ ހެކިބަސް ނެގުމެވެ.

Ad
rt

މިއަދު ހެނދުނު 9:00 ގައި ފެށި ޝަރީއަތުގައި ދެ ފުލުހުންގެ ހެކިބަސް ނަގައި ދައުލަތުންނާއި ދިފާއުން އެތައް ސުވާލުތަކެއް ކުރި އެވެ. ފުރަތަމަ ހެކިބަސް ދިން މީހާގެ ހެކިބަސް ނަގައި ހުރިހާ މަރުހަލާއެއް ނިންމި ނަމަވެސް ދެވަނަ ހެކިވެރިޔާގެ ހެކިބަސް ނެގުން މެންދުރު ފަހު 3 ޖެހިއިރު ވެސް ނުނިމުނެވެ.

އެ ހިސާބުން ގާޒީ އަލީ ނަދީމް ވަނީ މިއަދަށް ކަނޑައެޅި ވަގުތު ހަމަވެފައިވާ ކަމަށާއި ދިފާއީ ވަކީލުންގެ އިއުތިރާޒެއް ނެތް ނަމަ ކްރޮސް އެގްޒެމިނޭޝަން ނުވަތަ ދިފާއުން ހެކިންނާ ސުވާލުކުރުން މާދަމާ އަށް ތާވަލްކުރަން ގަސްދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި އޮތީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް ތިބިކަން ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުމެވެ. އިއްޔެގެ ހެދުނު 9:00 ގައި ފެށި ޝަރީއަތް ނިންމާލީ ރޭ 10 ޖަހާ އެހާ އިރު އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކުރި ކަމުގެ ކުށުގައި މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ޔާމީންގެ އެ ހުކުމްގެ އިސްތިއުނާފް ވެސް ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ.