އިންވިޓޭޝަނަލް ފައިވް ނޭޝަންސް ބާސްކެޓް ބޯޅަ މުބާރާތް މާދަމާ ފެށުމުގެ އެންމެފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ރާއްޖޭގައި ބާއްވާ މި މުބާރާތް މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް މާލޭގެ އެކުވެނީ ކޯޓުގައި ކުރިއަށްދާނެއެވެ. މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލެވެ.

Ad
rt

މި މުބާރާތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހެންވޭރު ބޯޅަ ގޭގައި އިއްޔެ ބޭއްވި ޚާއްސަ އިވެންޓްގައި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ އުންމީދަކީ ސަރަހައްދީ ޓީމުތަކާ ވާދަކޮށް ރާއްޖެއިން ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށެވެ. އަދި ސަޕޯޓަރުންގެ ތަރުހީބާއެކު ޓީމަށް ދެވޭ ހިތްވަރުން ނަތީޖާ ތަފާތުވާނެ ކަމަށެވެ.

މީގެ އިތުރުން އެ މަންޒަރު އެކުވެނީ އިންޑޯގައި އެންމެފަހުން ކުޅުނު ފޯ ނޭޝަންސް މުބާރާތުން ވެސް ފެނުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ކުޅުންތެރިންނާއި އެސޯސިއޭޝަނުން ވެސް މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން ނިންމީ ރާއްޖޭގައި މިފަހަރު ބާއްވާނީ ފިރިހެން އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތެކޭ. ސަބަބަކީ އޮލިމްޕިކް ކޮމިޓީ އާއި އެސޯސިއޭޝަނާވެސް ވާހަކަ ދައްކައި ނިންމާފައި ވަނީ ފިރިހެން ޓީމު އައިއޯއައިޖީއަށް މިއަހަރު ނުދާ ގޮތަށް ކަމަށްވާތީ. އެއީ އެހެން ޓީމުތަކުގެ ލެވެލްއަށްވެސް ބަލައި، މާ ބޮޑަށްވެސް ވަރުގަދަވުމާއެކު،" މަހްލޫފް ވިދާޅުވިއެވެ.

އެސޯސިއޭޝަންގެ ރައީސް ރައީސް އަހުމަދު އާދަމް (އެޑަމް) ވަނީ ފެބްރުއަރީ މަހުން ފެށިގެން ޓީމުގެ ތައްޔާރީތައް ކުރިއަށް ގެންދަމުންދާކަންނ ފާހަގަކުރައްވާފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ސަރަހައްދީ ޓީމުތައް ޔަގީންވި ހިސާބުން މުބާރާތަށް ފުރިހަމައަށް ތައްޔާރުވެ، މުބާރާތް ރޭވުމުގައި ބުރަ މަސައްކަތްތަކެއް ޔޫތު މިނިސްޓްރީއާ އެކު ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މުބާރާތަށް ތައްޔާރުވާން އެކިއެކި ގޮތްގޮތުން ޓީމަށް ކޮށްދޭން ޖެހޭ ހުރިހައި ކަމެއް ކޮށްދެމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މުބާރާތަށް ތައްޔާރުވުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓަރ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި 10 ދުވަހުގެ ތަމްރީނުތަކެއް ވެސް ފުރިހަމަކޮށްފައެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 4 ޖަހާއިރު، ބައްދަލުކުރާނީ ނޭޕާލް އާއި ބޫޓާން އެވެ. ދެވަނަ މެޗުގައި މާދަމާރޭ 8:30 ގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ.