ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް ހެލްޕުލައިނެއް އިފްތިތާހުކޮށްފިއެވެ.
މި ހެލްޕުލައިން އިފްތިތާހު ކޮށްދެއްވީ ހ. މީރުމާގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން، ޔުނިސެފާއި ޑަބްލިޔު.އެޗް.އޯ ގެ އެހީތެރިކަމާއި އެކު ގާއިމު ކުރި މި ހެލްޕްލައިނަށް ދީފައިވާ ނަމްބަރަކީ 1484 އެވެ.
މި ހެލްޕްލައިންގައި މަސައްކަތްކުރައްވާ ކައުސިލަރުން ތަމްރީން ކުރުމާއި ހެލްޕްލައިން ޚިިދުމަތް ފޯރުކޮށްދޭނެ އުޞޫލުތައް އެކުލަވާލުމުގައި ދިވެހި ރެޑްކްރެސެންޓުން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިހެލްޕްލައިންގެ ޚިދުމަތް ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު 3 ން ރޭގަނޑު 9 އަށް ލިބޭއިރު، މި ހެލްޕްލައިންގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
މިއީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމްކުރެވުނު މިފަދަ ފުރަތަމަ ހެލްޕްލައިނެވެ.
ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް މި ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ޚާއްޞަކޮށް ތަމްރީން ދެެއްވާފައިވާ ސްކޫލްތަކުގައި މިހާރު ތިއްްބެވި ކައުންސިލަރުންނެވެ.
މި ހެލްޕްލައިނުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ޚިދުމަތް ހޯދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!