ރައްޔިތުންގެ މަޖިލިސް ތެރޭން މިއަދު ފެންނަނީ މަޖިލީހުގެ ރައީސާއި، ނައިބު ރައީސް ގަދަބާރުން މަގާމުގައި ބަގުޑިބައްދަވައިގެން މަގާމު ގެއްލުނަނުދޭން ކުރާ މަސައްކަތްތަކެއްކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ، ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ ޝިފާޢު ވިދާޅުވީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ ޢަބުދުﷲގެ އިތުބާރުނެތް މައްސަލަ މަޖިލީހަށް ވެއްދި ހިސާބުން ފެށިގެން މަޖިލިސް ހުއްޓުމަކަށް އައުމުގެ ސަބަބުން އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލެމުންދާ ކަމަށެވެ.

މިގޮތުން އިޖުތިމާއީ ކޮމެޓީގައި ސަރުކާރުން ފޮނުއްވާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތް ކަމަށާއި، މަސައްކަތްތެރިންނާ ގުޅުން ހުރި ދެ ބިލެއް ވެސް ކޮމެޓީ އަދި އިބުތިދާއީ ބަހުސްގެ މަރުހަލާގައި ތާށިވެފައި އޮތްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މި ބިލުތައް މި ދައުރުގެ ތެރޭގައި ފާސްވެ ޤާނޫނަކަށްވުން ސަރުކާރުގެ ބޮޑު ބޭނުމަކަށްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވިގޮތުގައި ލޯފަންކުދިންނަށް ވޯޓު ލެވޭނެ ގޮތަށްހަދަން ސަރުކާރުން ބިލެއް މިހާރު މަޖިލީހަށް ހުށަހަޅާފައިވާއިރު، މުޅި މަޖިލިސް ކޮމެޓީއަށް ގޮސް އެ ބިލުގެ މަސައްކަތް ކުރުމަށްފަހު މަޖިލިސް ހުއްޓުމަކަށް އައުމުން އެ ބިލުގެ މަސައްކަތް ވެސް އޮތީ ނިންމާނުލެވިއެވެ. މިހާލަތުގައި އޮވެ ދައުރު ނިމިގެން ގޮސްފިނަމަ މި ބިލު ވެސް ފާސްވާގޮތްނުވެ، ވަރަށް ގިނަ ބަޔެއްގެ ހައްގުތައް ހިފެހެއްޓިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ، އޭނާ ޤަބޫލުކުރައްވާގޮތުގައި މަޖިލީހުގެ ކޮމެޓީތައް ފަންކްޝަންވާންޖެހެއެވެ. އަދި ކޮމެޓީތަކުގެ ކޮމްޕޮޒިޝަން ވީހާ އަވަހަކަށް މުރާޖަޢާކޮށް ފާސްކޮށް އާ ކޮމްޕޮޒިޝަންއާ އެއްކޮށް ކޮމެޓީތައް ހިނގަންޖެހެއެވެ.

“ވެގެން މިއުޅޭގޮތަކީ ރައްޔިތުންގެ މަޖިލިސްގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ހިސާބުން ފެށިގެން ވެސް ގަދަބާރުން މަގާމުގައި ބަގުޑިބައްދައިގެން މަގާމު ގެއްލުނަނުދޭން ކުރާ މަސައްކަތްތަކެއް މިފެންނަނީ’’ ޝިފާޢު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ގުރޫޕުގެ މީޑިއާ ކޯޑިނޭޓަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވިދާޅުވެފައި ވަނީ، މަޖިލިސްގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އަނބުރާ ގެންދަން ޖެހޭ ކަމަށް އޭނާ ދެކިވަޑައެއް ނުގަންނަވައެވެ.

މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން އެއޮތީ އެ ބޭފުޅުންގެ އިތުބާރުނެތްކަމަށް ހުށަހަޅާފައި ކަމަށާއި، ޑިމޮކްރެޓިކް އުސޫލުން ބެލިނަމަވެސް، ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް ކަންތައް ކުރައްވާ ކަމަށް ވިޔަސް، އިސްތިއުފާ ދެއްވާފަ އާންމު މެމްބަރުން ގޮތުގަ ތިއްބެވުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.