ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ 98 އިންސައްތަ ފުރިހަމަކުރެވިފައެވެ. އަދި އެއްގަމު ތޮށީގެ ކޮންކްރީޓް ކެޕިންގް މަސައްކަތް 27 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މީގެ އިތުރުން އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު 41 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ބޭރުތޮށި ލުމާއި، 312 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 56.33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.