އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ތަންތަން ޑިޖިޓަލް ކުރުމަށް ބޭނުންވާ ސާމާނު 183 ތަނަކަށް ހަވާލުކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި5 ރީޖަނަލް ހޮސްޕިޓަލަށާއި، 15 އަތޮޅު ހޮސްޕިޓަލް އަދި 163 ޞިއްޙީ މަރުކަޒަށް އައިޓީ ސާމާނުވަނީ ހަވާލުކޮށްފައެވެ.
މިތަކެތި ހަވާލުކޮށްދެއްވީ ނައިބް ރައީސް ފައިޞަލް ނަޞީމްއެވެ. ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ފަރާތުން މިތަކެއްޗާއި ހަވާލުވީ އެތަންތަނުގެ އިސްވެރިންނެވެ.
މި ރަސްމިއްޔާތުގައި ސިއްހަތާއިބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވީ ފެންވަރު ރަނގަޅު، ސިއްހީ ފަރުވާއާއި ޚިދުމަތްތައް، ފަސޭހަކަމާއެކު ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ވާޞިލުވާންވީ އަމާޒަކީ، ސިއްހީ ޚިދުމަތުގެ އެންމެހައި ކަންކަން ޑިޖިޓަލް ކުރުން ކަމަށެވެ.
ކޮންމެ ދާއިރާއަކަށް ބެލިޔަސް، މައުލޫމާތާއި ޚިދުމަތް ފޯރުކޮށްދިނުމާއި ލިބިގަތުމަށް ބާރު ދުވެލީގައި އިންގިލާބީ ބަދަލުތައް އަންނަމުންދާކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވީ ސިއްހީ ޚިދުމަތްތައް ޑިޖިޓަލް ކުރެވުމަކީ، މަރުކަޒުތަކާއި މުއައްސަސާތަކުގެ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމެއް ކަމަށެވެ.
ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބި މިހާރު ދިމާވާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބި، ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު ކުރާ ހޭދަ އެތައް ގޮތަކުން ކުޑަވެގެން ދާނޭ ކަމެއް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ މަރުކަޒުތަކުގެ އިދާރީ ހިންގުން ކަމުގައިވިއަސް، މުވައްޒަފުންނާ ގުޅޭ ކަންކަންކަމުގައިވިއަސް، ޞިއްޙީ މަޢުލޫމާތާއި ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުން ކަމުގައިވިއަސް ޓެކްނޮލޮޖީގެ ބޭނުން އަޅުގަނޑުމެން މިހާރުވެސް ވަރަށް ބޮޑަށް އެބަހިފަން. ނަމަވެސް އަޅުގަނޑުމެން އަމާޒު ހިފައިގެން "ހެލްތު ސެކްޓަރ" ޑިޖިޓަލައިޒް ކުރުމަށް." ނަސީމް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވި މިހާރު ފަށާފައިވާ މަސައްކަތަކީ މިހާރަށްވުރެ މާފުޅާކޮށް ޓެކްނޮލޮޖީގެ ބޭނުންހިފުމަށް ހަމަޖެހިފައިވާ ސިއްހީ ޚިދުމަތުގެ ދާއިރާއަށް އަނެއްކާ ވެސް އިންޤިލާބީ ބަދަލު ގެނެސްދޭނޭ އުއްމީދީ މަސައްކަތެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ، ދާއިރާގެ އައި.ޓީ އިންފްރާސްޓަރަކްޗަރ ޤާއިމުކޮށް ތަރައްޤީކުރުން ކަމަށާއި މި މަސައްކަތަކީ، ކުރިމަގުގައި ތަޞައްވަރު ކުރެވިފައިވާ، އެ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މުހިއްމު މަސައްކަތުގެ ބިންގާ އެޅުން ކަމަށެވެ.
ޞިއްޚީ ޚިދުމަތްދޭ ތަންތަނަށް ހަވާލުކުރި ތަކެތީގެ ތެރޭގައި 608 ކޮމްޕިއުޓަރ ސިސްޓަމާއި 44 ލެޕްޓޮޕް 500 ޓެބްލެޓާއި، 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމާއި، 551 ޕްރިންޓަރު ހިމެނެއެވެ.
މި މަޝްރޫޢަށް 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!