ހދ. މަކުނުދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އެޅުމުގެ މަސައްކަތުގައި އުޅޭ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުލިބޭކަމަށް ބުނެ މިއަދު މަކުނުދޫ ކައުންސިލް ދޮށަށް އެއްވެ، ކަންބޮޑުވުންފާޅުކޮށްފިއެވެ.
އެކަމާއި ގުޅިގެން މަކުނުދޫ ކައުންސިލު މެމްބަރު އަދި އޮފީސް ހިންގެވުމާއި މިވަގުތު ހަވާލުވެހުންނެވި ތޯހިރާ އަބޫބަކުރު ވިދާޅުވީ ހޯލްއެޅުމުގެ މަސައްކަތުގައި އުޅޭ ބިދޭސީ މުވައްޒަފުން ކައުންސިލް ދޮށަށް އެއްވީ މުސާރަ ނުލިބޭތާ 3 މަސްދުވަސް ވެފައިވާކަމަށް ބުނެ ކަމަށެވެ. އަދި އެމީހުންގެ ވާހަކަތައް ކައުންސިލުން އަޑު އަހައި، އަދި ކައުންސިލުގެ ވާހަކަތައް ވެސް އެމީހުން އަޑު އަހައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތުގެ ކޮންޓްރެކްޓަރަށް ދީފައިވާ މުއްދަތު މިހާރުހަމަވެފައިވާ ކަމަށާއި އެކަން އެ ފަރާތަށް ވެސް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިރަށު ސްކޫލުގަ ސެމިނާ ހޯލެއް ހަދަން ހަވާލުކުރި ފަރާތަށް ދީފައިވާ މުއްދަތު މިހާރުވަނީ ހަމަވެފަ. ހަނދާންވާގޮތުން މޭ މަހު ވާނީ ހަމަވެފަ. އެކަން އެފަރާތަށް ވާނީ އަންގާފަ. މުއްދަތު ހަމަވާން ކައިރިވީމަ ވެސް އަދި މުއްދަތު ހަމަވުމުން ވެސް އެކަމަށް މުއާމަލާތް ކުރަމުން ދިޔައީ." ތޯހިރާ ވިދާޅުވިއެވެ.
މީގެ އިތުރުން ތޯހިރާ ވިދާޅުވީ އެ މަސައްކަތްތެރިން ކައުންސިލަަށް އައީ އެއްވެސް ހާލެއްގައިި މުޒާހަރާއެއް ކުރަން ނޫން ކަމަށާއި އެމީހުންނަށް މުސާރަ ނުލިބޭތާ 3 މަސްވެފައިވާތީ އެކަމުގައި ދެން ކުރިއަށް ދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އަދި ކޮއްތު ފައިސާ ބަރާބަރަށް ލިބޭކަން އެމީހުން ފާހަގަކުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތޯހިރާ ވިދާޅުވީ އެމީހުންގެ އަޑު އަހައި، ކައުންސިލުން މިކަމުގައި ކުރިއަށް ދެވޭނެގޮތެއް އޮތްތޯ ބަލައިދޭނެ ކަމަށް އެމީހުން ގާތުު ބުނެފައިވާނެ ކަމަށެވެ.
މީގެ އިތުރުން މި މަސައްކަތް ހަވާޅުކުރުމަށް ވެފައިވާ އެއްބަސްވުން މިހާރުވަނީ ބާތިލުކޮށްފައި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުން އައިސްފައިވަނީ އެއިމްސް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑުގެ ފަރާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!