ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓްް، އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ޖަލްސާ ކާމިޔާބު ކަމަށާއި، ޖޭޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތު ވޯޓު ހޯދައިގެންކަމަށް ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޤާސިމަށް ޓިކެޓް އެރުވުމުގެ ޖަލްސާ ރޭ ވަނީ މާލޭ ކާނިވާ ސަރަހައްދުގައި ބާއްވާފައެވެ. މިޖަލްސާގައި ޤާސިމްގެ ކެމްޕޭންގެ ބައެއް ވަޢުދުތައް ހިމެނޭ ތަގުރީރެއް އިއްވާފައިވާއިރު، ޤާސިމާގުޅޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދައްކާފައެވެ. އަދި ޤާސިމަށް ރިޔާސީ ޓިކެޓް އެރުވުމުގެ އިތުރުން ރިޔާސީ އިންތިޚާބުގައި ޖޭޕީން ބޭނުންކުރާނެ ޝިއާރާއި، ލަވަ ވެސް ވަނީ ލޯންޗުކޮށްފައެވެ.

Ad
rt

ރޭގެ ޖަލްސާއާއިގުޅޭގޮތުން އިލްހާމް މީސް މީޑިއާގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމަށް ރިޔާސީ ޓިކެޓު އެރުވުމަށާއި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ނިމިފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގައިކަމަށެވެ.

''ޖުމްހޫރީ ޕާޓީ ދާނީ ފަސްބެލުމެއްނެތި، ފާޑުކިޔުންތައް ބަލައިގަންނަމުން، މާޔޫސްވުމެއްނެތި ކުރިޔަށް. ﷲގެ ހެޔޮ ރަޙުމަތާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ އިން ކާމިޔާބު ކުރާނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ފުރިހަމަ އަޣުލަބިއްޔަތަކުން.'' އިލްހާމް ވިދާޅުވެފަވެއެވެ.

ރިޔާސީ އިންތިޚާބުގައި ދެކުނުގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ވެސް ޤާސިމް ކަނޑައަޅުއްވާފައިވާ، އިލްހާމް އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާއި ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވަކި ކުލައަކަށް، ވަކި ފިކުރަކަށް، ވަކި ވިސްނުމަކަށް، ވަކި ޕާޓީއެއް ބެލުމެއްނެތި އެންމެންނަށް ފުރުޞަތުދޭނެ ޕާޓީއެއް ކަމަށެވެ.

''ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވެވަޑައިގަންނަވާ ވަޢުދުތަކަކީ އަކުރުން އަކުރަށް ފުރިހަމަ ކުރެވިގެންދާނެ ވަޢުދުތަކެއް.'' އިލްހާމް ވިދާޅުވެފަވެއެވެ.

މި ޖަލްސާއާއިގުޅޭގޮތުން ޖަލްސާގެ އިވެންޓް މެނޭޖަރު އަދި ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒު ރަޝީދު ވިދާޅުވެފައި ވަނީ، ޖޭޕީން އިދިކޮޅުފަރާތްތަށް ސިއްސުވާލައި، ގާސިމަށް ރިޔާސީ ޓިކެޓު އަރުވާފާވާކަމަށެވެ. އަދި އިދިކޮޅުންތިބީ ހުސްގޮނޑިގުނަން ކަމަށާއި، ޖަލްސާފެށުމުގެ ކުރިން ހުސްގޮނގެ ފޮޓޯނަގާ ޓުވީޓްކުރަނީ ހިތުގަ އުފެދޭ ނަފުރަތާއި ހަސަދަވެރިކަން ބޮޑުކަމުން ކަމަށް އޭނާ ވިދާޅުވެފަވެއެވެ.

''ހަގީގަތުގަވެސް އަތޮޅުތެރެއިން މީހުން ނުގެނެސް ރޭގެ ޖަލްސާއިން އޮނަރަބަލް ގާސިމު އިބުރާހިމް އަށް އޮތް ތާއިދު ދައްކާލައިފި'' ރިޔާޒު ވިދާޅުވެފަވެއެވެ.