ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެބޮޑު އެއް ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ބޮޑުދަތުރު" ޑޮކިއުމަންޓްރީ "ތިލަދުން" އިން ގެނެސްދޭން ތައްޔާރު ވެއްޖެއެވެ.
މީގެ 80 އަހަރު ކުރިން ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަތީބު އިސްވެހުރެ، އުތުރުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލެއައި ދަތުރާއި ގުޅޭ މި ޑޮކިއުމަންޓްރީ އަކީ މިހާތަނަށް އެ ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެންމެ ތަފްސީލް މަޢުލޫމާތު ހިމެނޭ ޑޮކިއުމަންޓްރީއަށް ވެގެން ދާނެއެވެ.
ގާތްގަނޑަކަށް އެއް ގަޑިއިރަށް ދެމިގެންދާ މި ޑޮކިއުމަންޓްރީގައި އެ ދަތުރު ފެށުނު ގޮތާއި، މަގްސަދާއި، ތައްޔާރީތަކާއި، ސަރުކާރުގެ ފިޔަވަޅުތަކުގެ އިތުރުން ދަތުރުގެ ފަހުން ކަންހިނގާދިޔަ ގޮތްތައް ވަރަށް ތަފްސީލުކޮށް ހާމަކޮށްފައިވެއެވެ. އަދި ބޮޑު ތިލަދުންމަތީގެ ތާރީޚާއި، ރާއްޖޭގެ އޭރުގެ ސިޔާސީ މަޝްރަހާއި ބެހޭ ގިނަ މަޢުލޫމާތު ވެސް ހިމެއެވެ.
ތިލަދުންމަތީގެ ތާރިޚާއި ގުޅޭ ދިރާސާތައްކުރާ އަޙްމަދު ސާލިމް އަދި ޙުސައިން ޒަބީރު ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ "ބޮޑުދަތުރު" ޑޮކިއުމަންޓްރީ ގެނައުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު "ތިލަދުން" ގެ މީސްމިޑިޔާ މަންސަތަކުންނެވެ.
މިދިޔަ ހުކުރު ދުވަހު މި ޑޮކިއުމަންޓްރީގެ ފުރަތަމަ ޓްރައިލާ ތިލަދުން އިން ވަނީ ދައްކާލާފައެވެ.
ދިވެހިރާއްޖެއަށް ޖެހުނުކަމަށް ބެލެވޭ އެންމެ ބޮޑު ޤުދުރަތީ ކާރިސާކަމުގައިވާ "ކޭލަކުނު ވިއްސާރަ" ޖެހުނުތާ މީލާދީ ގޮތުން ބަރާބަރު 200 އަހަރުވީ ދުވަހު، އަޙްމަދު ސާލިމް އަދި ޙުސައިން ޒަބީރު ވަނީ "ކޭލަކުނު 200" ގެ ނަމުގައި ޑޮކިއުމަންޓްރީއެއް މި ނޫހުން ގެނެސްދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!