މިހައިތަނަށް އައި އިރު، ރާއްޖޭގެ ދަނޑުވެރިންނަށް އަޅާލާ އެއްވެސް ސަރުކާރެއް ނާންނަކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރުު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މާލެ އަތޮޅު ކާށިދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ދަނޑުވެރިކަން ކޮށްގެން ލިބޭ ނަފާ އޭގެ އެންމެރަނގަޅުގޮތުގައި ދަނޑުވެރިންނަށް ލިބެމުން ނުދާ ކަމުގެ ޝަކުވާ އެފަރާތްތަކުން އަބަދު ވެސް ކުރަމުން އަންނަ ކަމަށެވެ.

Ad
rt

ދަނޑުވެރިކަންކޮށް އުމުރު ހުސްވެގެންދާއިރު، ބަލި އެނދުގައި އޮށޯވެލާއިރު، އިތުރު އެއްވެސް ފައިސާއެއް އޭނާއަށް ލިބޭނެގޮތެއް ހަމަޖެހިފައި ނުވާ ކަމަށާއި އެހެންނަމަވެސް އެހެން ހުރިހައި މަސައްކަތްތަކަކީ އެ މަސައްކަތްތަކަކުން މުސްކުޅިވާދުވަހު ކޮންމެވެސް އިނާޔަތެއް ލިބޭ ކަމެއްކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް ދަނޑުވެރިކަމާއި މަސްވެރިކަން އެއްކޮށްލައިގެން ވެސް އެމީހާ އަށް ޕެންޝަން ސްކީމެއް ލިބޭތަނެއް ނާންނަކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ފުރަތަމަ ވައުދަކަށް ދަންނަވަން އޮތީ ބުރަ މަސައްކަތްކޮށް ބަލި އެނދަށް ދިއުމުގެ ކުރިން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރެއްގައި އެކަށީގެންވާވަރުގެ ޕެންޝަން ސްކީމެއް ތައާރަފް ކޮށްދޭނަމޭ." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ބުރަ މަސައްކަތުން ދޭހައި އަވީގައާއި ވެހޭ ވާރޭގައި ހައްދާ ތަކެއްޗަށް އެކަށީގެންވާ އާމްދަނީއެއް ނުލިބުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށާއި މިހެންދިމާވާ އެންމެބޮޑު ސަބަބަކީ ސަރުކާރުތަކުން އެކަންކަމަށް އިސްކަން ނުދިނުން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި ހެއްދާ އަދި ހައްދާ ތަކެތި ރާއްޖެއިން ބޭރުން އެތެރެކުރަމުން އަންނާތީ އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެޕާޓީގެ ސަރުކާރެއްގައި ރާއްޖޭގައި ހެއްދޭ ތަކެތި ރާއްޖެއަށް އެތެރެކުރާނަމަ، އޭގެ ޑިއުޓީ ބޮޑުކޮށް، ބައެއްތަކެތި ގެނައުން މަނާ ކުރާނެ ކަމަށެވެ.

ދަނޑުވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް އެންމެފުރަތަމަ ކަމަކީ އެފަރާތްތަކަށް ބޭނުންވާ ތަކެތީގެ ޑިއުޓީ ކުޑަކުރެވިގެން ކަމަށާއި އަދި މިހާރުވެސް ބައެއްތަކެތިން ޑިއުޓީ ކުޑަކުރެވިފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ދަނޑުވެރިކަމަށް ގެންނަ ކޮންމެ އެއްޗަކީ ވެސް ރާއްޖޭގައި އުފެއްދޭ އެއްޗެއް މެނުވީ، ރާއްޖެއިން ބޭރުން ގެނެވޭ ކޮންމެ އެއްޗަކީ ޑިއުޓީ ފްރީ ކޮށް ގެނެވޭ އެއްޗެއްގެ ގޮތުގައި ހަދާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ތަކެތި އެ ބޭނުންކުރާ ފަރާތްތަކަށް އެންމެއެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަކީ ވެސް ވަރަށް މުހިންމުކަމެއް ކަމަށާއި އެފަދަ ތަކެއްޗަށް އެކަށީގެންވާ އަގެއް ނުލިބި މާރުކޭޓުތަކުގައި ހަލާކުވެގެންދާ މަންޒަރު ފެންނަކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގައި އުފެއްދޭ ތަކެތި ރިސޯޓުތަކާއި ރެސްޓޯރެންޓުތަކުގައި ބޭނުންކުރުމަށް އެމީހުންނާއެކު މަޝްވަރާކޮށް، އެތަކެތި އުކައިނުލާ، ހަމައަގު ލިބޭނޭގޮތް ހަދައިދޭނެ ކަމަށެވެ.