ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ، ދޭ އަނިޔާއަކަށް ފަސް އަބުރި ބަލާނެ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ޔާމީންނަށް ކޮށްފައިވާ ޖަލުހުކުމާއި ގުޅިގެން 900 ދުވަސް ހަމަވެފައިވާތީ، ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
އެގޮތުން ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ހުކުމެއްކަން ވިދާޅުވަމުން އަންނައައުން ރޭ ވެސް ވަނި ތަކުރާރުކޮށްފައެވެ. އަދި ޔާމީނަށް އަނިޔާ ކުރަމުންދަނީ މިސަރުކާރުން ކުރަމުންދާ ޤާނޫނާއި ޚިލާފް ޢަމަލުތައް ހުއްޓުވުމަށް ފާޅުގައި ގޮވާލައި، އެކަންކަމާއި ދެކޮޅަށް ތެދުވާތީކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީނަކީ ރައްޔިތުންގެ ހައްގުގައި ސާބިތު ކަމާއިއެކު އަބަދު ވެސް ހައްގަަށް މަސައްކަތް ކުރާ ވެރިއެއް ކަމަށާއި، އެމަނިކުފާނުގެ އެމަސައްކަތް މިސަރުކާރަށް ނުހުއްޓުވޭނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"ރައީސް ޔާމީނަކީ ދޭ އަނިޔާއަކަށް ފަސް އަބުރި ބަލާނެ މީހެއް ނޫން. އެމަނިކުފާނު މިހާރުވެސް ހުންނެވީ ރައްޔިތުންގެ ޚިދުމަތާއިގެން ވަޑައިގެންނެވޭނެ ދުވަހެއްގެ އިންތިޒާރުގަ. އެނބުރި އެމަނިކުފާނު އަންނީ އިހުނަށްވެރެވެސް މާވަރުގަދަކޮށް." އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު ޖަލުގައި އޮންނަތާ 900 ދުވަސް ވުމުން، އިދިިިކޮޅު ކޯލިޝަންގެ ގިނަ ބޭފުޅުން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ހޫނު ބަހުގެ ހަލަމާތައް ދެމުންނެވެ.
މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީގެ ޓުކެޓު އަރުވާފައިވަނީ ޔާމީނަށެވެ.
ޢެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލުގެ ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގެ ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ. އެކަމަކު އިދިކޮޅު ކޯލިޝަން ބުނަމުންދަނީ އެކޯލިޝަންގެ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!