ސިޓީއެއްގެ ޗާލުކަން ގެނެވޭނީ ހަމައެކަނި ރީތި އިމާރާތްތަކެއް އަޅައިގެން ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވި އާބަންކޯ އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށް ބާއްވާ ބޮޑު ހަރަކާތް، 'ދުނިޔެ މަގޭ - ސާފު ހުޅުމާލެ' އިވެންޓް ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި މި އިވެންޓުގައި ނައިބު ރައީސް ވިދާޅުވީ ތަހުޒީބު މުޖުތަމައެއްގައި އެންމެ ބޮޑު ސަމާލުކަމެއްދެނީ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކަމަށެވެ.

ޚާއްސަކޮށް އެންމެންގެ މޫނު މައްޗަށް، ލޯތަކަށް ރީތި ކުރުމަށް، ކޮންމެހެން ވެސް މަގުމަތީގެ ސާފުތާހިރުކަން ކަށަވަރުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މަގުމައްޗަށް ކުނި ނޭޅުމަށާއި، އެފަދަ ނާތަހުޒީބު ހަޑިހުތުރު އަމަލުތައް ނުހިންގުމަށް ކޮންމެ މީހަކު ވެސް އަޒުމަކަށް ހެދުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މިފަދަ އަމަލެއްގެ ސަބަބުން ތިމާއަށް އުނދަގޫ ނުވިނަމަވެސް އާއިލާގެ އެހެން މީހަކަށް ނުވަތަ އަވައްޓެރިންނަށް އުނދަގޫވެދާނެކަން ކުނި އަޅާއިރު، ވިސްނަންވާނެ ކަމަށާއި ކުނި އަޅަންވާނީ އެކަމަށް ޚާއްސަ ކުނި ވަށިގަނޑުތައް ހުރިތަނަކުން ހޯދައިގެން ވަށިގަނޑުތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު ސައިކަލުތަކުގެ ވަށިގަނޑަށް ވެސް ކުނި ނޭޅުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުންދީ، މަގު މައްޗަށް ކުނި ނޭޅުމަކީ ކޮންމެ މީހެއްގެ ވެސް އަޒުމަކަށް ހަދަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިންނަށް ލިބިފައިވާ ޤުދުރަތީ ހިތްގައިމުކަމާއި ރީތިކަމަކީ ބޮޑު ނަސީބެއް ކަމަށާއި، މިއީ ދިވެހިންނަށް ލިބޭ ޤުދުރަތުގެ އެންމެ ބޮޑުހަދިޔާއެއްކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ހޯދޭނީ ދިވެހިންނަށް ލިބިފައިވާ ރީތި ގޮނޑުދޮށްތަކާއި ފަރުތަކާއި މޫދުތައް ބޭރުން އަންނަ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ދައްކާ އެތަންތަން ޕްރޮމޯޓްކޮށްގެންނެވެ. އަދި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ތިމާވެއްޓަށް ގެއްލުމެއް ލިބިދާނެ ކުޑަނަމަވެސް ކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށާއި މިކަމުގައި މުޅި މުޖުތަމައުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ ކަމަށެވެ.