ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ، ސޭޝެލްސްގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 11 އިން 14 އަށް ކަމަށެވެ.

Ad
rt

މިދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެ އާއި ސޭޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ބައެއް އެއްބަސްވުންތަކުގައި ސޮއެކުރައްވާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

މިއަހަރުގެ މާޗްމަހުގެ ތެރޭގައި ދޯހާގައި ކުރިޔަށްދިޔަ، އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ސޭޝެލްސްގެ ރައީސް. ވޭވަލް ރަމްކަލަވަން ވަނީ ބައްދަލު ކުރައްވައިފަ އެވެ.

މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. މިގޮތުން، ކޯވިޑް-19ގެ ކުރިން އޮތް ހާލަތަށް ފަތުރުވެރިކަން އިޢާދަކުރުމަަށް ދެޤައުމުން ކުރާ މަސައްކަތްތަކާ، މޫސުމީ ބަދަލުތައް ފަދަ ދެޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި، ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގައި، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ މެމްބަރުންގެ ހައިސިއްޔަތުން، މިހާރަށް ވުރެ މުހިއްމު ދައުރެއް އަދާކުރުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސޭޝެލްސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ބައިނަލްއަގްވާމީ މައިދާނުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިދަތުރުފުޅެ ސަބަބުން ދެޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެއެވެ.

ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގައެވެ.