ދިވެހި މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސިވިލް ސޮސައިޓީ އެވޯޑްސް"ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް ބޭއްވި ހަފުލާގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެކި ދާއިރާތަކަށް ގެންނަ ކުރިއެރުންތަކުގެ، ހަގީގީ އުފާވެރިކަން ލިބޭނީ މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެން ކަމަށެވެ.
މާލޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި ބޭއްވި ޙަފުލާގައި ރައީސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރީ އެކި މިންވަރަށް އަދި އެކިބާވަތުގެ އިޖުތިމާޢީ މައްސަލަތައްކަން ފާހަގަކުރައްވާފައެވެ. އަދި ކޮންމެ ރަށެއްގެ ޙާލަތަށް ރިޢާޔަތްކޮށް، މި މައްސަލަތައް ޙައްލުކުރުމުގައި ލާމަރުކަޒީ އުސޫލުން އެމަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ހަމަ އެއާއެކު މި މައްސަލަތައް ޙައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްޢިއްޔާތަކުގެ އިސްނެގުމާ އެއްބާރުލުން ކޮންމެހެން ބޭނުންވާނެ ކަމަށާއި އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށާއި ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ވެސް އެހާމެ އިސްކަންދޭން ޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ.
ރައީސް ސާލިހު ވަނީ އިޖުތިމާޢީ މައްސަލަތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ޚާއްޞަގޮތެއްގައި ޖަމުޢިއްޔާތަކުގެ އިސްނެގުމާއި ބައިވެރިވުން ބޭނުންވާ ދެ ދާއިރާކަން ފާހަގަކުރައްވައި މިއީ މަދަނީ ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންތައްތަކެއްކަމުގައި ވެސް ވިދަޅުވެފައެވެ. އަދި، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަށް ވެސް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވެރިވުމާއެކު ޚާއްޞަ މަސައްކަތްތަކެއް ފަށަން ޖެހިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
މި ޙަފުލާގައި ސިވިލް ސޮސައިޓީ އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ޞާލިޙެވެ.
ރާއްޖޭގައި އަލަށް ތަޢާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!